އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަންވިލާގެ ކޯޗް ކަމުގެ މަގާމަށް ސްޕެއިނުގެ ތަޖުރިބާކާރު ކޯޗް އުނައި އެމެރީ ރޭ ހަމަޖައްސައިފިއެވެ.
ޔުރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗް އެމެރީ، އެސްޓަންވިލާގެ ކޯޗް ކަމަށް ހަމަޖެއްސީ ކިތައް އަހަރަށް ކަމަށް އެސްޓަންވިލާއިން ހާމަކޮށްފައެއް ނުވެއެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ސްޕެއިނުގެ ވިޔަރެއާލްއިން އެމެރީ ދޫކޮށްލަން އެއްބަސްވީ 6 މިލިޔަން ޔޫރޯއަށެވެ. ރަސްމީކޮށް އެސްޓަންވިލާގެ ކޯޗްކަމުގެ މަގާމާ އެމެރީ ހަވާލުވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ.
ޔޫރަޕުގެ މޮޅު ކޯޗުގެ މަގާމް 2014 ވަނަ އަހަރު ހޯދި އެމެރީ، އެސްޓަންވިލާގެ ކޯޗްކަމަށް ހަމަޖައްސާފައި މިވަނީ އެކްލަބުން ޕްރިމިއަރ ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި 3-0 އިން ފުލަމް އަތުން ބަލިވެ ރެލިގޭޝަން ޒޯނަށް ވެއްޓިދާނެ ކަމުގެ ބިރު ހީވުމާއެކު ކޯޗް ސްޓީވެން ޖެރާޑް މަގާމުން ވަކިކޮށްފައެވެ.
އެމެރީ މީގެ ކުރިން ވަނީ 2018/19 ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލްއަށްވެސް އިރުޝާދު ދީފައެވެ. އެސީޒަނުގައި އާސެނަލް ޔުރޮޕާ ލީގުގެ ފައިނަލަށް އެމެރީ ގެންގޮސް ދިނެވެ. އެކަމަކު ޖެހިޖެހިގެން 7 މެޗުން މޮޅު ނުވެވުމުން އާސެނަލްއިން އެމެރީ ވަކިކުރީއެވެ.