ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލް ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ނަޒާރިއޯ އޭނާގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިންނަކީ ކޮބައިކަން ކިޔައި ދީފިއެވެ.

ބްރެޒިލްއާއެކު ދެފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ރޮނާލްޑޯއަށް ހާއްސަކޮށް އުފެއްދި "ދަ ފެނޯމިނޮން" ޑޮކިއުމަންޓްރީ ނެރުމުގެ ހަފްލާގައި ނޫސްވެރިން ކުރި އެއްސުވާލަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ނޫނީ އެގައުމުގެ ލިއޮނަލް މެސީތޯއެވެ. މިސުވާލުގެ ޖަވާބުގައި ރޮނާލްޑޯ ބުނީ މިދެކުޅުންތެރިންގެ ތެރެއިން އެއްކުޅުންތެރިޔަކު ހޮވުމަކީ އިންސާފުވެރި ގޮތްކަމަށް އޭނާ ނުދޭ ކަމަށެވެ. އެކަމަކު މޮޅެތި ކުޅުންތެރިންގެ ވަރަށް ހާއްސަ ގްރޫޕެއް އޭނާގެ ނަޒަރުގައި އެބައޮތް ކަމަށާއި އެއްޖީލު އަނެއް ޖީލާއި މިކަމުގައި އަޅާ ކިޔުން އޭނާއަށް ކަމުނުދާ ކަމަށެވެ.

2002 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗެއްގެ ތެރެއިން ރޮނާލްޑޯ އާއި ރޮނާލްޑީނިއޯ.

"ވަރަށް ހާއްސަ ކުޅުންތެރިންގެ ގްރޫޕެއް އެބައޮތް. ޑިއޭގޯ (ޑިއޭގޯ މަރަޑޯނާ)، މެސީ ، ޕެލޭ، ހޯޔަން ކްރައިފް، ފްރާންޒް ބެކެންބާ، ވެންބާސްޓަން އަދި ރޮނާލްޑީނިއޯއަކީ ވަރަށް ހާއްސަ ކުޅުންތެރިންތަކެއް. މިލިސްޓުގައި އަހަރެންގެ ނަންވެސް ހިމަނަން. އެކަމަކު މިކަމުގައި އެއްޖީލު އަނެއް ޖީލާއި އަޅައި ކިޔުން ރަނގަޅެއް ނޫން" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު ކޮޅަށް ދެލަނޑު ޖެހި ރޮނާލްޑޯ ބުންޏެވެ.