ސީނިއަރ ޓީމުން ސަސްޕެންޑް ކޮށްފައި ހުރި މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނބުރައި ސީނިއަރ ޓީމުގެ ފަރިތަކުރުންތަކަށް މިއަދު ކޯޗް ޓެންހާގް ނެރެފިއެވެ.
ސީނިއަރ ޓީމުން ރޮނާލްޑޯ ސަސްޕެންޑް ކުރީ މިހަފްތާގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗަށެވެ. ޓެންހާގް، ރޮނާލްޑޯ ސަސްޕެންޑް ކުރީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން ލީގުގައި ޓޮޓެންހަމް އަތުން 2-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ނެރެން އުޅުމުން އެކަަމަށް ދެކޮޅު ހެދުމާއި މެޗް ނުނިމެނީސް ބެންޗް ދޫކޮށް ދިޔަ މައްސަލައިގައެވެ.
ނިމުނު ހަފްތާގައި ރޮނާލްޑޯ ފަރިތަކުރީ ޔުނައިޓެޑުގެ އެކާވިސް އަހަރުން ދަށުގެ ޓީމާއެކުއެވެ. ޓެންހާގް ބުނެފައި ވަނީ ކްލަބަށްވުރެ އެއްވެސް ކުޅުންތެރިޔަކު ބޮޑު ނުވާނެ ކަމަށާއި އެއްވެސް ކުޅުންތެރިޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.
ޔުނައިޓެޑަށް ކުރިއަށް އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ޔުރޮޕާ ލީގުގައި ޝެރިފާ ދެކޮޅަށް ކުޅެން ޖެހޭ މެޗާއި އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ވެސްޓްހޭމްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.