ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ހިތްގައިމު ދެލަނޑުން ޖަރުމަނުގެ ރެޑްބުލް ސަލްޒްބާގް 1-2 އިން ބަލިކޮށް އިނގިރޭސި ވިލާތުގެ ޗެލްސީ ގްރޫޕުގެ އެއްނަ ޔަގީންކޮށް ދެވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ އެއްމެޗް އޮއްވައި ޗެލްސީން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރީ ފުރަތަމަ ހާފުގައި އޭރިޔާގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ކޮވަސިކް އަދި ދެވަނަ ހާފުގައި އޭރިޔާގެ ބޭރުން ހަވާޓްޒް ޖެހި ހިތްގައިމު ލަނޑުންނެވެ. ހަވާޓްޒް ލަނޑު ޖެހުމުގެ ކުރިން ސަލްޒްބާގުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި އޭރިޔާގެ ތެރައަށް ހުރަސް ކުރި ބޯޅަ ޗެލްސީގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވި ލިބުނީ ޖޫނިއޯ އަޑަމޫއަށެވެ. އޭނާ ބޯޅަ ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ފުރަތަމަ ޓަޗުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީއެވެ.

މިމޮޅާއެކު ޗެލްސީން ގްރޫޕުގެ ކުރީގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސަލްޒްބާގް އޮތީ 6 ޕޮއިންޓާއެކުއެވެ. އެކަމަކު އެއީ ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތް އޭސީ މިލާނަށްވުރެ އިތުރަށް އެއްމެޗް ކުޅެގެންނެވެ. މިރޭ ސަލްޒްބާގް ބަލިވުމުގެ ސަބަބުން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޭސީ މިލާނަށް މިހާރު ވަނީ ލިބިފައެވެ. މިރޭ ޑައިނަމޯ ޒަގްރެބް އަތުން މިލާން މޮޅުވެއްޖެނަމަ ތާވަލުގެ ދެވަނައަށް މިލާނަށް ކުރިއަށް ޖެހިލެވޭނެއެވެ. އަދި ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ސަލްޒްބާގާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސައިފިނަމަ ދެވަނަ ބުރުން މިލާނަށް ފުރުސަތު ލިބޭނެއެވެ.