ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޒްރޭލުގެ މެކަބީ ހައިފާ ކޮޅަށް ދެލަނޑު ޖަހައި އަދި ދެލަނޑު ޖަހަން އެހީތެރިވެދިން ސްޕަރ ސްޓަރ ލިއޮނަލް މެސީއަށް މިއާއެކު މުބާރާތުގައި އިތުރު ދެރެކޯޑެއް ލިބިއްޖެއެވެ.
މެސީ ވެފައި ވަނީ ޗެމްޕިއަންސް ލީގް މެޗެއްގައި ދެލަނޑު ޖަހައި ދެލަނޑު ޖަހަން އެސިސްޓް ކުރި އުމުރުން އެންމެ ދޮށީ (35 އަހަރާއި 123 ދުވަސް) ކުޅުންތެރިޔާ ކަމުގައެވެ.
މީގެ އިތުރުން މެސީ ޗެމްޕިއަންްސް ލީގުގައި ކުޅެން ފެށިފަހުން (2004/05 ސީޒަން) އޭރިޔާ ބޭރުން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް މެސީ ވަނީ މުގުރާލާފައެވެ. ރޭ ފެނިގެންދިޔަ މެސީގެ ދެވަނަ ލަނޑަކީ އޭރިޔާ ބޭރުން ޖެހި ލަނޑެކެވެ. މިލަނޑާއެކު ޗެމްޕިއަންސް ލީގުގައި އޭރިޔާގެ ބޭރުން މެސީ ޖެހި ލަނޑުގެ އަދަދު ވަނީ 23 އަށް އަރާފައެވެ. ކުރިން މިރެކޯޑް އޮތީ މެސީއާ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައެވެ.
ޕީއެސްޖީއިން ރޭ މެކަބީ ހައިފާ ބަލިކުރީ 7-2 އިންނެވެ. މެސީގެ އިތުރުން މިމެޗުގައި އެޓީމަށް ދެން ލަނޑު ޖަހައިދިނީ ކިލިއަން އެމްބައްޕޭ (2 ލަނޑު) އާއި ނޭމާ (1 ލަނޑު) އާއި ކާލޮސް ސޯލާއެވެ. އަނެއްލަނޑަކީ މެކަބީ ހައިފާގެ ސީން ގޯލްޑް ބާގް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެކަބީ ހައިފާގެ ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ސެނަގާލްގެ ފޯވާޑް އަބްދުލަޔޭ ސެކްއެވެ.