ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި މިރޭ އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކް ބަލިކޮށް، ބާސެލޯނާއަކީ ބަޔާން މިޔުނިކާ އެއްފެންވަރުގެ ޓީމެއްކަން ސާބިތު ކޮށްދޭން ބޭނުންވާކަމަށް ބާސާގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ ބުނީ މިދެޓީމު ބަޔާންގެ އަލިއަންޒް އެރީނާގައި ބައްދަލު ކުރި މެޗުގައި ބާސާއަށް ނަސީބު އެހީނުވީ ކަމަށާއި ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވުނުނަމަ ނަތީޖާ ތަފާތުވީސް ކަމަށެވެ. "ބަޔާންގެ ދަނޑުގައިވެސް އަހަރެމެން މޮޅަށް ކުޅުނިން. ދިމާވީ ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމުގެ މައްސަލަ. އޭގެ ސަބަބުން ނަތީޖާ ގޯސްވީ. އެކަމަކު މިރޭ އަހަރެމެން މިތިބީ ބަޔާން ބަލިކުރަން ތައްޔާރަށް. ބާސާއަކީވެސް ބަޔާންއާ އެއްފެންވަރުގެ ޓީމެއްކަން ސާބިތު ކޮށްދޭން ބޭނުންވޭ" މިދިޔަ ސީޒަނުގެ ފަހު ކޮޅު ބާސާއާ ހަވާލުވީ އެކްލަބުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ބުންޏެވެ.

ޒަވީ ބުނީ ބަޔާންއަކީ ވަރަށް ރޭވުންތެރިކޮށް ކުޅޭ މޮޅު ޓީމެއް ކަމަށާއި ކޮންމެ ވަގުތަކުވެސް ލަނޑު ޖަހާލެވޭނެ ވަރުގެ މޮޅެތި ކުޅުންތެރިން ބަޔާންގައި އެބަތިބި ކަމަށެވެ. "ވަރަށް ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން ރޭވުންތެރިކޮށް ބަޔާން ކުޅެނީ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކުގެ ތެރޭގައި ބަޔާން ހިމެނޭ" ޒަވީ ބުންޏެވެ.

މިރޭ ބަޔާން އަތުން މޮޅުވިއަސް ދެވަނަ ބުރުގެ މާބޮޑު އުއްމީދެއް ބާސާއަކަށް ނެތެވެ. އެއީ މިރޭ ޕްލެޒެން އަތުން އިންޓަމިލާން މޮޅުވެއްޖެނަމަ އިންޓައަށް ދެވަނަ ބުރުގެ ޖާގަ ޔަގީން ވާނެތީއެވެ. މިގްރޫޕުން މިހާރުވެސް ބަޔާން އޮތީ ދެވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފައެވެ.

ޒަވީ ބުނީ ބާސާއަށް ދެވަނަ ބުރުން ފުރުސަތު ލިބެން އޮތީ "މުއުޖިޒާތެއް" މެދުވެރިގެންކަމަށާއި އެކަމަކު އެންމެފަހު ވަގުތާ ހަމައަށްވެސް އުއްމީދު ކަނޑާ ނުލާނެ ކަމަށެވެ.

ބާސާ އާއި ބަޔާން ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.