ސްޕެއިނުގެ މަޝްހޫރު ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް، ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނަތީޖާތައް ނިކުތް ގޮތުން ގްރޫޕް ސްޓޭޖުންް ކަޓައިފިއެވެ.
ބާސެލޯނާ ގްރޫޕް ސްޓޭޖުން ކެޓީ، އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކާ ދެކޮޅަށް ނިކުތުމުގެ ކުރިން، މިގްރޫޕުގައި ހިމެނޭ އިންޓަމިލާނުން ވިކްޓޯރިއާ ޕްލެޒެން ބަލި ކުރުމުންނެވެ. އިންޓައިން ޕްލެޒެން ބަލިކުރީ 4-0 އިންނެވެ. އެހެން ކަމުން ބަޔާން މިޔުނިކާ ދެކޮޅަށް ބާސާ ރޭ ނިކުތްއިރުވެސް އޮތީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. އަމިއްލަ ދަނޑުގައި ބަޔާން އަތުން ބާސާ ބަލިވީ 3-0 އިންނެވެ. ބަޔާންއިން ފުރަތަމަ ދެލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު އޮފްސައިޑް މަޅިން ސަލާމަތްވެ މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސެނެގާލްގެ އިތުބާރު ފޯވާޑް ސަޑިއޯ މާނޭއެވެ. ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޖަރުމަނަށް އުފަން އެކަމަކު ކެމަރޫން ގައުމީ ޓީމަށް ކުޅޭ ފޯވާޑް ޗޫޕޯ މޯޓިންއެވެ.
ބާސާ ހިމެނޭ ގްރޫޕް "ސީ" އިން ދެވަނަ ބުރުން ބަޔާން ޖާގަ ހޯދީ 15 ޕޮއިންޓާއެކުއެވެ. އިންޓަ ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ 10 ޕޮއިންޓް ހޯދައިގެންނެވެ. ބާކީ އެއްމެޗް އޮތްއިރު ބާސާއަށް ލިބިފައި ވަނީ އެންމެ 4 ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕް ފުލުގައި އޮތީ ޕްލެޒެންއެވެ.
އެތުލެޓިކޯ މެޑްރިޑް ގްރޫޕް ސްޓޭޖުން ކެޓީ ވަރަށް ހިތްދަތިކޮށެވެ. މެޗުގެ 90 މިނެޓް ކުޅުން ނިމުނުއިރު ބަޔާ ލެވަކޫސަން އާއި އެތުލެޓިކޯ މެޑްރިޑް އޮތީ 2-2 އިން އެއްވަރުވެފައެވެ. އެތުލެޓިކޯ މެޑްރިޑް ކޮޅަށް ނަތީޖާ އަނބުރާލަން ރަނުގެ ފުރުސަތެއް ލިބުނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 9 މިނެޓުގެ ތެރެއިން އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައެވެ. ބެލްޖިއަމްގެ ފޯވާޑް ސަރަސްކޯ ފޮނުވާލި ޕެނަލްޓީ ބަޔާ ލެވަކޫސަންގެ ކީޕަރު ރެޑްކީ ދިފާއު ކުރީއެވެ. ރެޑްކީ ދިފާއު ކުރި ބޯޅަ ކުޅުމުގެ ތެރެއަށް ނިކުތް ވަގުތު އެތުލެޓިކޯ ކުޅުންތެރިޔަކު ބޮލުން ގޯލަށް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދަނޑީގައި ޖެހި ކުޅުމުގެ ތެރެއަށް ބޯޅަ ނިކުތް ވަގުތުވެސް އެތުލެޓިކޯ ކުޅުންތެރިޔަކު ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތް ކުރިއެވެ. އެކަމަކު ލެވަކޫސަންގެ ކުޅުންތެރިންގެ ދިފާއު ކުރީއެވެ.
އެތުލެޓިކޯ ހިމެނޭ ގްރޫޕް "ބީ" އިން ދެވަނަ ބުރުން ޖާގަ ހޯދީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި އޮތް ކްލަބު ބްރޫޖް އާއި 9 ޕޮއިންޓާއެކު ދެވަނައިގައި އޮތް ޕޯޓޯއެވެ. ތިންވަނައިގައި އެތުލެޓިކޯ އޮތީ 5 ޕޮއިންޓާއެކުވެ. ލެވަކޫސަން ގްރޫޕް ފުލުގައި އޮތީ 4 ޕޮއިންޓާއެކުއެވެ.