ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލޭންޑްސްގެ އަޔަކްސް 0-3 އިން ބަލިކޮށް، އެންމެފަހުގެ ރަނައަޕް ލިވަޕޫލް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
އަޔަކްސްގެ މަޝްހޫރު އެމްސްޓެޑަން އެރީނާގައި ކުޅުނު މިމެޗުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހްއެވެ. ކެޕްޓަން އެންޑަސަން އަރިމަތިން އޭރިޔާގެ ތެރެއަށް ހުރަސް ކުރި ބޯޅަ ސަލާހް މަޑުމަޑުން ޕްލޭސް ކޮށްލީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ލިވަޕޫލާ ގުޅުނު އުރުގުއޭގެ ފޯވާޑް ޑާވިން ނުނޭޒްއެވެ. ނެގި ކޯނަރު ނުނޭޒް ގޯލަށް ފޮނުވާލީ ބޮލުންނެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ޒުވާން މިޑްފީލްޑަރު ހާވޭ އެލިއޮޓް 51 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މިގްރޫޕުން (ގްރޫޕް އޭ) އިން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ މިހާތަަނަށް ކުޅުނު 5 މެޗް ކާމިޔާބުކޮށް، %100 ރެކޯޑަކާއެކު އިޓަލީގެ ނަޕޯލީއެވެ. ނަޕޯލީ ރޭ އަމިއްލަ ދަނޑުގައި މޮޅުވީ ސްކޮޓްލޭންޑުގެ ރޭންޖާސްއާ ވާދަކޮށް 3-0 އިންނެވެ. ދެލަނޑު ކާމިޔާބު ކޮށްދިނީ އެތުލެޓިކޯ މެޑްރިޑުގެ ކޯޗް ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖިއޮވައްނީ ސިމިއޯނީއެވެ. އަނެއް ލަނޑު ޖެހީ ލިއޯ ސިކިރީ އޮސްޓިގާޑެވެ.
ލިވަޕޫލް ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ 12 ޕޮއިންޓާއެކުއެވެ. ލިވަޕޫލަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ނަޕޯލީގެ ދަނޑުގައި ލިވަޕޫލް ވަނީ ބޮޑު ތަފާތަކުން ބަލިވެފައިކަން ފާހަގަ ކޮށްލެވެއެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.