މި އަހަރުގެ ނަސްރުގެ ދުވަސް (ނޮވެމްބަރ 3) ފާހަގަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވައިގެން ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ ތިން ވަނަދުވަހުގެ ރޭ 9:00 ގައެވެ. ޖަލްސާ އޮންނާނީ ސަލްޓަންޕާކުގައެވެ. އުމަރު ވިދާޅުވީ މި ޖަލްސާ ބާއްވާ ތަނުގައި 500 ގޮނޑި އަތުރާނޭ ކަމަށެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލައިފައެވެ. "އެއްވެސް ބޭފުޅަކަށް ޚާއްސަ ދައުވަތެއް ނުދެން. މިއީ ގައުމީކަމެއް. ގައުމީކަމެއްގައި ޚާއްސަ ދައުވަތެއް ދިނުމުގެ ބަދަލުގައި ހުޅުވިފައިވާ ދައުވަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އެގޮތަށް ހެދީ،" އުމަރު ވިދާޅުވިއެވެ.

މި ޖަލްސާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާނީ ގައުމިއްޔަތާއި ގައުމިއްޔަތު ދިރުވައި އާލާކުރުމާ ބެހޭގޮތުންނެވެ.

މިއީ އުމަރު އިސްވެ ހުންނަވައިގެން ނަސްރުގެ ދުވަސް ފާހަގަކުރައްވާ ފަސް ވަނަ ފަހަރެވެ. އުމަރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދާކުރައްވާނޭ ކަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓެކެވެ. މިހާރުވެސް އޭނާ ގެންދަވަނީ ކެންޕޭނުގެ މަސައްކަތް އެކި ސިފަސިފާގައި ކުރައްވަމުންނެވެ.