މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަޤީދާ ހިމާޔަތްކޮށް ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލު ދެމެހެއްޓުމަށް ކުރައްވަންޖެހޭ ކޮންމެކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާނޭ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީތާ 896 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ރާއްޖެ އަކީ އާބާދީ މަދު އެހާމެ މަދު އިގްތިސާދެއް އޮތް ގަމެއް ކަމަށެވެ. އެހެންނަމަވެސް އިސްލާމްދީނުގެ ނިއުމަތަށް ވިސްނައިފި ކަމަށްވާނަމަ އެއީ ރާއްޖެއަށް ލިބިފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށެެވެ. އެހެންކަމުން އިސްލާމްދީނުގެ އަގީދާގެ މަތީގައި ތިިބުމަށް ދިމާވާ މައްސަލަތަކާ ކުރިމަތިލައި އެކަމުން މިންޖުވެ ތިބުން ނޫން ގޮތެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މި ޖަލްސާގައި ޗާގޮސް މައްސަލާގައި އޭނާ ވިދަޅުވީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އެފަދަ ކަމެއް އަދުގެ ރައީސް ވެސް ނުކުރައްވާނޭ ކަމަށް ހެކިވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާުވިއެވެ.