ހައިރާން ކޮށްލުމަށްފަހު އެންމެފަހުގެ ޗެމްޕިއަން އާރުއާރުސީ 3-5 އިން ބަލިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ސެމީފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގައި ވެމްކޯގެ ތަރިންނަށް ވެގެންދިޔައީ އިރާނުގެ ހޮދާދީ އާއި އިސްމާއިލް ވަޖީހް (ވައްޖެ) އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެލަނޑު ކާމިޔާބު ކޮށްދީފައެވެ. އަނެއް ލަނޑު ޖެހީ އަލީ ޝިޔާހެވެ. އާރުއާރުސީއިން ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ މިދިޔަ އަހަރު ވެމްކޯއަށް ކުޅުނު ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. އަނެއް ލަނޑު ޖެހީ މިދިޔަ އަހަރު އާރުއާރުސީއިން ޗެމްޕިއަންކަން ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއްފުޓްސަލް ތަރި އިބްރާހިމް އަސްވާދް (ގަބޭ) އެވެ.

ރޭ ކުޅުނު ކުއާޓާފައިނަލުގެ ދެވަނަ މެޗުގައި ސިފައިންގެ ކްލަބް މައްޗަށް ފަސޭހަ ކަމާއެކު 4-0 އިން ކުރި ހޯދައި ފެނަކައިންވެސް ވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. ފެނަކައިގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އާއި އަޔާޒް (އަޔާ) އާއި މުހައްމަދު އައްޒާމެވެ. މީގެ ތެރެއިން ދެލަނޑު ކާމިޔާބު ކޮށްދިނީ އޮންލީއެވެ. މިމެޗުގައި ޖެހި ދެލަނޑާއެކު ލަނޑު ލިސްޓުގެ ކުރީގައި އޮންލީ އޮތީ 10 ލަނޑާއެކުއެވެ.

މިމުބާރާތުގެ ކުއާޓާފައިނަލުގައި މިރޭވެސް ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި 21:15 ގައި ބައްދަލު ކުރާނީ ކްލަބް މޯލްޑިވްސް ކަޕުގެ އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އާއި ވާދަވެރި އެމްޕީއެލްއެވެ. ދެވަނަ މެޗުގައި 22:15 ގައި ބައްދަލު ކުރާނީ ސްޓެލްކޯ ކްލަބާއި އެޗްޑީސީއެވެ.