މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ކާމިޔާބު ކުރި ހަމައެކަނި ލަނޑުން ވެލެންސިޔާ 0-1 އިން ބަލިކޮށް ބާސެލޯނާ ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ މަގާމަށް މިރޭ ޖެހިލައިފިއެވެ.

ވެލެންސިޔާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ދެވަނަ ހާފުގައި މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުން ކެޓުމުގެ ހިތާމައިގައި ތިބި ބާސެލޯނާ ކުޅުންތެރިންގެ އަތުން ގިނަ ޕާސްތަކެއް ގެއްލިގެންދިޔަތަންވެސް މިމެޗުގައި ފެނުނެވެ. މީގެ އިތުރުން ބާސާގެ އިތުބާރު ޑިފެންޑަރު، ފްރާންސްގެ ކުންޑޭއަށް ދެވަނަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދަނޑުން ބާލަން ޖެހުނެވެ.

މެޗް ނިމެން ދަނިކޮށް ލެވަންޑޮސްކީ ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓުގެ ތެރެއިން 3 ވަނަ މިނެޓުގައެވެ. ރަފީނާ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ ލެވަންޑޮސްކީ ގޯލުގެ ތެރެއަށް ފޮނުވާލީ ބޫޓުގައި އަރިމަތިން ޖައްސައެވެ. މިލަނޑުގެ ކުރިން ބާސެލޯނާގެ ފެރަން ޓޮރޭޒްއަށް ލަނޑު ޖަހާނެ ރަނުގެ ހުސްފުރުސަތެއް ލިބި ބޭކާރުވިއެވެ.

އިޓަލީގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ގެއްނާރޫ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވެލެންސިޔާއިން ވަނީ މިމެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އެކަމަކު މުޅި މެޗުގައިވެސް މާނުރައްކާތެރި ހަމަލާއެއް އުފެއްދޭގޮތެއް ވެލެންސިޔާއަކަށް ނުވިއެވެ.

މިމޮޅާއެކު ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން ބާސެލޯނާ ޖެހިލީ 31 ޕޮއިންޓާއި ފައިދާ 25 ލަނޑާއެކުއެވެ. ދެވަނައިގައި 31 ޕޮއިންޓާއި ފައިދާ 19 ލަނޑާއެކު އޮތީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ރެއާލް މާދަމާ ރޭ އަމިއްލަ ދަނޑުގައި ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސައިފިނަމަ އަލުން ރެއާލްއަށް ތާވަލުގެ ކުރި ލިބޭނެއެވެ.