ސާޖިއޯ ރާމޮސްގެ އެސިސްޓަކުން ލިއޮނަލް މެސީ ކާމިޔާބު ކުރި "ރޮކެޓް ލަނޑުން" ޓްރޮޔެސް 3-4 އިން ބަލިކޮށް ޕީއެސްޖީން މިސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް އިތުރު ބޮޅެއް މިރޭ އަމުނާލައިފިއެވެ.
ދެފަހަރެއްގެ މަތިން ޓްރޮޔެސްއިން ލީޑް ނެގި މިމެޗުގައި މެސީގެ ރޮކެޓް ލަނޑު ފެނިގެންދިޔައީ 55 ވަނަ މިނެޓުގައެވެ. ޓްރޮޔެސްގެ ގޯލާ 35 ޔާޑް ދުރުން މެސީ ރޮކެޓެއްހެން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިހަމަލާ ދިފާއު ކުރަން ޓްރޮޔެސްގެ ކީޕަރަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
މެސީގެ މިހިތްގައިމު ލަނޑު ފެނިގެންދިޔައީ އޭގެ ތިން މިނެޓް ކުރިން ޓްރޮޔެސްއިން 2-1 ގެ ލީޑެއް ނެގިތަނާއެވެ. މިމެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީއިން ލީޑް ނެގީ 62 ވަނަ މިނެޓުގައި މެސީގެ މޮޅު ޕާހަކުން ނޭމާއެވެ. ޕީއެސްޖީއިން އިތުރަށް ލީޑް ފުޅާ ކުރީ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިޔަން އެމްބައްޕޭއެވެ. އެކަމަކު 88 ވަނަ މިނެޓުގައި ޓްރޮޔެސްއިން ވަނީ ލަނޑެއް ޖަހައި ޕީއެސްޖީ ހާސް ކޮށްލާފައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އޭންޓް ޕަލަވާސާއެވެ.
މިމެޗުގައ މެސީ ޖެހި ލަނޑަކީ މިސީޒަނުގައި ޕީއެސްޖީއަށް އޭނާ ކުޅުނު 16 މެޗުގައި ކާމިޔާބު ކޮށްދިން 12 ވަނަ ލަނޑެވެ. އަދި 9 ލަނޑު ޖެހުމަށް މެސީ ވަނީ އެހީތެރިވެދީފައެވެ.
މެޗަށްފަހު ޕީއެސްޖީގެ ކޯޗް ކްރިސްޓިފޯ ގަލްޓިއާ ބުނީ މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި މެސީގެ ކުޅުން ބަލައިގެން ހިތްހަމަ ޖައްސާލުމަށް ސަޕޯޓަރުން ކިބައިން އެދިފައެވެ.
މިމޮޅާއެކު ތާވަލުގެ ކުރީގައި ޕީއެސްޖީ އޮތީ މިހާތަނަށް ކުޅުނު 13 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި 30 ޕޮއިންޓާއެކު އޮތީ ލެންސެވެ. ތިންވަނައިގައި 27 ޕޮއިންޓާއެކު ލޮރިއެންޓް އޮތްއިރު 24 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ރޭނީސްއެވެ.