އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން 2-1 އިން ލިވަޕޫލް ބަލިވުމުން މިސީޒަނުގައި ލީގް ޗެމްޕިއަންކަމަށް ލިވަޕޫލަށް ވާދަކުރެވިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.
މެޗަށް ނިކުތްއިރު ތާވަލުގެ ފުލުން ދެވަނައިގައި އޮތް ލީޑްސް ޔުނައިޓެޑުުން މެޗް ފެށީވެސް ލަނޑަކުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ސްޕެއިނުގެ ފޯވާޑް މޮރޭނޯ މިލަނޑު ޖެހީ ލވަޕޫލްގެ ޑިފެންޑަރު ގޮމޭޒް އަރިމަތިން ކީޕަރު އެލިސަނަށް ދިން ބެކް ޕާހެއް ހޯދައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލީޑްސްއިން ލީޑް ނެގިތާ ބަރާބަރު ދިހަ މިނެޓް ފަހުން މިސްރުގެ ތަރި މުހައްމަދު ސަލާހްގެ ލަނޑުން ލިވަޕޫލުން ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް އަވަސް އެޓޭކިންގ ގޭމެއް ފެނުނުއިރު އެލިސަން އާއި ލީޑްސްގެ ކީޕަރ މެސްލިއާގެ ފަރާތުން މޮޅެތި ސޭވްތަކެއް ފެނުނެވެ. ހާއްސަކޮށް މެސްލިއާ އުނދަގޫ ގިނަ ސޭވްތަކެއް ކުރިއެވެ.
ލީޑްސްއިން މެޗުގެ ނަތީޖާ އެޓީމު ކޮޅަށް ދެވަނަ ފަހަރަށް އަނބުރާލީ 89 ވަނަ މިނެޓުގައި ނެދަލޭންޑްސްގެ ވިންގަރ ކްރައިސެންސިއޯ ސަމާވިލްގެ ލަނޑުންނެވެ. އޭނާ މިލަނޑު ޖެހީ ލިވަޕޫލްގެ އޭރިޔާގެ ތެރެއިން އޭނާ އަތުން ބޯޅަ އަތުލުމަށް ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކާއި ތިއާގޯ އަލްކަންޓްރާ އަދި ގޮމޭޒް މަސައްކަތް ކުރަމުން ދަނިކޮށް ތިރިތިރިން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިމޮޅަކީ 2001 ވަނަ އަހަރުގެ ފަހުން ލިވަޕޫލްގެ އެންފީލްޑުގައި ލިވަޕޫލް އަތުން ލީޑްސް މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ލިވަޕޫލްގެ ޖާޒީގައި ވެންޑައިކް ލިވަޕޫލްގެ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.
މިމޮޅާއެކު ލީޑްސް ވަނީ ރެލިގޭޝަން ޒޯނާ ދުރައް ޖެހިލާފައެވެ. ތާވަލުގެ 15 ވަނައިގައި ލީޑްސް މިވަގުތު އޮތީ 12 ޕޮއިންޓާއެކުއެވެ. އަނެއްކޮޅުން ލިވަޕޫލް މިއީ ޖެހިޖެހިގެން ލީގުގައި ބަލިވި ދެވަނަ މެޗެވެ. މީގެ ހަފްތާއެއްހައި ދުވަސް ކުރިން ލިވަޕޫލް ވަނީ ލީގުގެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓް އަތުންވެސް ބަލިވެފައެވެ. ތާވަލުގެ 9 ވަނައިގައި ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކުއެވެ. ލީގް އެއްވަނައިގައި 29 ޕޮއިންޓާއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. އެއްޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އާސެނަލްއެވެ. މިރޭ ނޮޓިންހަމް އަތުން އާސެނަލް މޮޅުވެއްޖެނަމަ އަލުން އާސެނަލްއަށް ތާވަލުގެ ކުރި ލިބޭނެއެވެ.