ޗެމްޕިއަންސް ލީގާއި އިޓާލިއަން ސީރިއޭގައި ދަށް ނަތީޖާތައް ލިބެމުން ދިޔަނަމަވެސް ކޯޗް މަސިމޯ އަލެގްރީ ވަކި ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޔުވެންޓަސްގެ ވައި ޗެއާމަން އަދި ކުރީގެ މިޑްފީލްޑަރު ޕަވެލް ނެޑްވެޑް ބުނެފިއެވެ.

"އެލެގްރީއަށް އަހަރެމެން (ކްލަބް ބޯޑް) ގެ ފުރިހަމަ އިތުބާރު އެބައޮތް. ދިހަ ކުޅުންތެރިން އެތިބީ އަނިޔާގައި. ހަގީގަތުގައި މިއީ ނަތީޖާ އޭގެ މައްޗަށް ބިނާވާނެ ކަމެއް. ޑިމާރިއާ، ކިއޭސާ، ޕެރޭޑެސް އަދި ބްރޭމާއާއެކު އަހަރެމެން ފެންނާނީ ތަފާތު ވަރުގަދަކޮށް ކަމަށް އަހަރެން ގަބޫލް ކުރަނީ" އަނިޔާގެ މައްސަލަތަކަށް އިޝާރާތްކޮށް ނެޑްވެޑް ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ، ޔުވެންޓަސް ކޯޗްކަމަށް ހަމަޖައްސަން އުޅޭ ކަމަށް މީޑިޔާގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅޭ ގޮތުން ނެޑްވެޑް ބުނީ މިއީ އެއްވެސް އަަސްލެއް ނެތް ވާހަކައެއް ކަމަށެވެ.

ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުން ޔުވެންޓަސް ކެޓީ މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން ބަލިވެގެންނެވެ. އަދި އިޓާލިއަން ލީގުގައި ޔުވެންޓަސް އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ.