ކުރިއަށް އޮތް ވޯލްޑް ކަޕް ބަލަން ގަތަރަށް އަންނަ މެހްމާނުންނަށް ޖާގަ ހޯދައި ދިނުމުގެ ގޮތުން، ވޯލްޑް ކަޕަށް ތައްޔާރު ކުރި ސްޓޭޑިއަމް ތަކުގައި މަސައްކަތް ކުރި މަސައްކަތް ތެރިން ދޯހާ އާއި ދުރު ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އއްޔެ ގަތަރުން ފަށައިފިއެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން ބައެއް މަސައްކަތް ތެރިން ބުނެފައި ވަނީ އެމީހުން ދިރިއުޅޭ ތަނުން ނިކުންނަން ގަތަރުގެ މުނިސިޕަލް ކައުންސިލުން އެންގީ ވަރަށް ހަރުކަށިކޮށް ކަމަށާއި ހިފައިގެންގުޅޭ މުހިއްމު ތަކެތި ގެންދާނެ ފުރުސަތުވެސް ލިބުނީ އުނދަގުލުން ކަމަށެވެ.
ބާރަ ސަތޭކައެއްހައި މަސައްކަތްތެރިން ދިރިއުޅޭ ދޯހާގެ އަލްމަންސޫރާ ޑިސްޓްރިކްޓުން، މަސައްކަތްތެރިން މިހާރު ދިރިއުޅޭ ތަނުން ނިކުމެ ތަން ހުސްކުރަން ދިނީ އެންމެ 2 ގަނޑިއިރު ކަމަށް އެތަނުގައި މަސައްކަތް ކުރާ ބައެއް މަސައްކަތްތެރިން ރޮއިޓާސްއަށް ވަނީ މައުލޫމާތު ދީފައެވެ.
"އަހަރެމެން މިތިބީ މަގުމަތިވެފައި. ދާނެ ތަނެއް ނެތް. މިތަނުން ބައެއް މީހުން މިފިނީގައި ލާނެ އަންނައުނެއްވެސް ނެތް" އަމިއްލަ މައުލޫމާތު ހާމަކޮށްފިނަމަ ކަމާބެހޭ އިދާރާތަކުން ހަރުކަށި ފިޔަވަޅު އަޅާފާނެ ކަމަށް ބިރުން ހުރެ މަސައްކަތްތެރިޔަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުންޏެވެ.