މިހާރު ކުރިއަށްދާ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މާދަމާ އިޢުލާން ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ފުރަތަމަ ބުރުގެ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 6.00 ގައި ކަމަށެވެ.

މިނިސްޓްރީން ކުރިން ވިދާޅުވެފައިވަނީ ފައިނަލް ބުރަށް ހޮވޭ ދަރިވަރުން މިއަދު އިއުލާންކުރާނެ ކަމަށެވެ. ނަމަވެސް ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން މިއަދާ ހަމައަށް އިންސާފާކޮށް ނިމިފައިނުވާތީ ނަތީޖާވަނީ އިއުލާން ނުކުރެވޭ ގޮތް ނުވީއެވެ.

މުބާރާތުގެ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓް މެދުވެރިކޮށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްސަ މުބާރާތެކެވެ.