ހއ. ހޯރަފުށީ ސަރުކާރުން އިމާރާތް ކުރަން ހަމަޖެހިފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) ގެ މަސައްކަތް މިއަދު ފަށައިފިއެވެ. އެމަސައްކަތް ސަރުކާރުން ހަވާލު ކުރައްވާފައިވަނީ އެމްޓީސީސީއާއެވެ.

މިއީ 5.99 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ.

މިއީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހޯރަފުށީ ގޮތްޕެވެ. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ދަށުން، 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށް، ކޭސްވަރކް ކުރުމަށާއި، އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުޤީޤީ މަރުހަލާގައިވެސް މަސައްކަތްކޮށް ޑައިވަރޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިންގ ރާވާ ހިންގުމަކީ ވެސް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކުރިއަށް ގެންދާ ކަންކަމެވެ.