ލުބުނާނުގެ ރައީސް މިޝެލް އައުން އޭނާގެ ދައުރު ފުރިހަމަ ކުރައްވައި ރިއާސީ ގަނޑުވަރުން ހުކުރު ދުވަހު ނުކުމެވަޑައިގަތީ އޭނާގެ ފްރީ ޕެޓްރިއޮޓިކް މޫވްމަންޓް ޕާޓީގެ ސަޕޯޓަރުން އެނާގެ އިސްތިގުބާލަށް ރިއާސީ ގަނޑުވަރު ކައިރިއަށް އެއްވެފައި ވަނިކޮށެވެ. އޭނާގެ މަގާމުގައި އެންމެ ފަހުން އެޅުއްވި ފިޔަވަޅަކީ ލުބުނާންގައި މިހާރު އޮތް ވަގުތީ ބޮޑު ވަޒީރު ނަޖީބު މީގާތީގެ ވަގުތީ ސަރުކާރުގެ ވަގުތު ހަމަވެފައިވާ ކަމަށް ނިންމަވައި ރިއާސީ ގަރާރެއްގައި ސޮއި ކުރެއްވުމެވެ.
ބަރުލަމާނީ ނިޒާމު ހިންގާ ލުބުނާންގައި ދާއިމީ ބޮޑު ވަޒީރެއް ނެތް އިރު ރައީސެއްވެސް ނެތެވެ. ރައީސް އިންތިޚާބު ކުރުމުގައިވެސް އަދި ބޮޑު ވަޒީރަކަށް ރުހުން ދިނުމުގައިވެސް ޕާލަމެންޓް ވަނީ ނާކާމިޔާބު ވެފައެވެ.
ރައީސް ޢައުނުގެ މި ގަރާރާއެކު ލުބުނާންގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލި ވެފައި ވެއެވެ.
ޕާލަމެންޓްގައި ސަރުކާރު އެކުލަވާލަން ބޭނުންވާ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް އަދިވެސް ލިބިފައި ނެތުމުން ނަޖީބު މީގާތީ ގެންދަވަނީ ވަގުތީ ގޮތުން ސަރުކާރު ހިންގަވަމުންނެވެ.
މީގެ ތިން އަހަރު ކުރިން ބާރުކޮށް ވެށްޓެމުން އަންނަ އިގްތިސާދީ އިނދެޖެހުމާއެކު މެއި މަހުން ފެށިގެން ލުބުނާންގައި ދާއިމީ ސަރުކާރެއް ނެތުމުން ލުބުނާން އިތުރަށް ހަލަބޮލިވާނެ ކަމަށް ބެލެވެއެވެ.
ވަގުތީ ބޮޑުވަޒީރު ނަޖީބު މީގާތީ ވިދާޅުވީ ޢައުނު އެފަދައިން ނިންމެވިނަމަވެސް އޭނާ ސަރުކާރުގައި ހުންނަވާނެ ކަމަށެވެ. އަދި ގައުމު ދުސްތޫރީ ހުސްކަމަކަށް ވއްޓިޔަ ނުދެއްވާނެ ކަމަށެވެ.