އެސްޓީއޯގެ ތިންވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީން ބުނެފިއެވެ. ކުންފުންޏަށް ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ކުރަމުން ގެންދާ ހުރިހާ ވިޔަފާރީތައް ރަނގަޅު ކުރެވި މުދާ ގަތުމަށް ކުރާ ޚަރަދު ކުޑަކުރެވިފައިވުން ކަމަށް އެކުންފުނީން ބުންޏެވެ.

2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބުނެވެ. ތިންވަނަ ކުއާޓަރގެ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 255 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 18 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި އެކު ހިންގުމުގެ ޚަރަދު ނިސްބަތުން ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއިއެކު ފައިނޭންސް ކުރުމުގެ ޚަރަދު އިތުރުވެފައި ވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ޚަރަދު ނިސްބަތުން ކުޑަކުރެވުމާ އެކު ސާފު ފައިދާ ވަނީ އިތުރުވެފައި ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓާރގެ ސާފު ފައިދާއަކީ 205 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރގައި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބުނެވެ. 8 އިންސައްތައިގެ ކުރިއެރުމަކާއިއެކު މިކުއާޓަރގައި ވަނީ 168 މިލިއަން ރުފިޔާ ލިބިފައި ކަމަށް ވެސް އެކުންފުނީން ބުންޏެވެ.