މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަމްރީނެއްގައި އުޅެނިކޮށް އިއްޔެ ނިޔާވި ސ.ހިތަދޫ، އަސުރުމާގެ، ނަޝްވާ ނަސީމްގެ ހަށިގަނޑު ހިތަދު ގެންދިޔުމުގެ މަސައްކަތް ފަށައިފިއެވެ.

ނަޝްވާ،18، އިއްޔެ މެންދުރު ނިޔާވީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސާވިސް އިން ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ ފެތުމުގެ ބައިގައި އުޅެނިކޮށް ދިމާވި ކަމަަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ 14:00 ހާއިރުއެވެ.

ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފައި ވަނީ ފެތުމުގެ ހަރަކާތުގައި އުޅެނިކޮށް ނަޝްވާއަށް އާދަޔާ ހިލާފް ގޮތްތަކެއްވާކަން ފާހަގަ ކުރެވިގެން، ނަޝްވާގެ ހަށިގަނޑު ކ.މާފުށީ ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށެވެ. އަދި މާފުށީ ހެލްތު ސެންޓަރަށް ގެންދިއުމުން އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އަވަސް ފަރުވާ ދިން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. ނަމަވެސް ފަރުވާ ދެނިކޮށް އޭނާ ނިޔާވީ އެވެ.

ނަޝްވާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ. ހިތަދު އަށް ގެންދާނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ކަރެކްޝަންގެ ޓްރެއިނިންގައި އުޅެނިކޮށް ޒުވާނަކު ނިޔާވެފައި މިވަނީ، މީގެ މަހެއްހައި ދުވަސް ކުރިން މާފުށީ ޖަލުގައި ހުރި ޒުވާން އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެފައި ވަނިކޮށެވެ.