އެމެރިކާގެ ވަރޖީނިއާ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އެއިޑަކު ޗައިނާ އެމްބަސީއަށް މަސައްކަތް ކޮށްދޭކަމަށް ތުހުމަތުކޮށް އޭނާ ވަޒީފާއިން ވަކިކޮށްފިއެވެ. ނޭޝަނަލް ރިވިއުގެ ރިޕޯޓެއްގައި ބުނެފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރު ޑޮން ބެޔަރގެ އެއިޑު ބާބަރާ ހެމްލެޓް ވަޒީފާއިން ވަކިކޮށްފައި ވަނީ މިހަފްތާގައެވެ.

ބާބަރާ މަގާމުން ވަކިކުރީ ފެޑެރަލް ކައުންޓަރ އިންޓެލިޖެންސްގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.

ނޭޝަނަލް ރިވިއު ރިޕޯޓުގައިވާ ގޮތުން ބާބަރާ ވަނީ ކޮންގްރެސްގެ އެހެން މުވައްޒަފުންނާ ގުޅައިގެން އެމީހުންނާއި ޗައިނާ އެމްބަސީގެ އޮފިޝަލުންނާ ދެމެދު ބައްދަލުވުންތައް ހަމަޖައްސައި ދޭން މަސައްކަތް ކޮށްފަ އެވެ.

ބެޔަރގެ އޮފީހުން ބުނީ މި މުވައްޒަފުގެ އަމަލުތަކުގެ މައުލޫމާތެއް ކުރިން ލިބިފައި ނެތް ކަމަށާއި އެކަންކަން އެނގުމުން އަވަހަށް ފިޔަވަޅު އެޅީ ކަމަށެވެ.

ނޭޝަނަލް ރިވިއުގެ މި ރިޕޯޓް ނެރެފައިވަނީ ބޭރު ގައުމުތަކުގައި ޚާއްސަކޮށް އެމެރިކާގައި ޗައިނާއިން ގާނޫނީ ވެރިކަމަށް ބުރޫއަރުވަން މަސައްކަތް ކުރާ ކަމަށް ބެލެވޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާގެ ސެކިއުރިޓީ އެންޑް އިންޓެލިޖެންސް އިދާރާތަކކުގެ މެމްބަރުންނާއި އެމީހުންގެ އޭޖެންޓުން ހިމެނޭ ގޮތަށް 13 ފަރާތެއްގެ މައްޗަށް އެމެރިކާ ސަރުކާރުން މި މަހު ދައުވާކޮށްފައި ވެއެވެ. އެއީ ޗައިނާ ސަރުކާރުގެ ފައިދާއަށްޓަކައި އެމެރިކާގައި ގާނޫނާ ހިލާފަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށް ތުހުމަތު ކޮށް ކޮށްފައިވާ ދައުވާތަކެވެ.