ކޯވިޑް ފެތުރެން ފެށުމުން ޗައިނާގައި އެޕަލްގެ ފޯނު އުފައްދާ އެންމެ ބޮޑު ފެކްޓްރީން މަސައްކަތްތެރިން ވަނީ ފިލައިގެން ބޭރުވެފައެވެ. އެމީހުން ފެކްޓްރީން ފިލައިގެން ދިޔައީ ކޮވިޑް-19 ފެތުރެމުން ސްޓާފުން މަސައްކަތުގެ މާހައުލުގައި ލޮކްޑައުން ކުރަން މަޖުބޫރު ކުރުމުންނެވެ.

އޮންލައިންކޮށް ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޒެންގްޒޯގައި ހުންނަ ފޮކްސްކޮންގެ ޕްލާންޓުގެ ފާރުމަތިން 10 ވަރަކަށް މީހުން ވަނީ ފުންމާލާފައެވެ.

ޗައިނާގެ ރައްޔިތުންނާއި ވިޔަފާރިވެރިން ދަނީ ރައީސް ޝީ ޖިންޕިންގެ ހަރުކަށި ޒީރޯ ކޯވިޑް ޕޮލިސީއާ ދެކޮޅު ހަދަން ފަށާފައެވެ. އެޕަލް ފޯނު އުފައްދާ ފެކްޓްރީން ފެނިފައި ވަނީ ކޯވިޑްގެ ކިތައް ކޭސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާގެ ހެނާން ޕްރޮވިންސްގެ ވެރިރަށް ޒެންގްޒޯގައި 167 އައު ކޭސްއެއް ރިޕޯޓްކޮށްފައި ވާއިރު، އޭގެ ކުރީ ހަފްތާގައި 97 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް ދިހަ މިލިއަން މީހުން ދިރިއުޅޭ ސިޓީގެ ބައެއް ލޮކްޑައުން ކޮށްފައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.

އެމެރިކާގެ އެޕަލްގެ ސަޕްލައިއަރެއްގެ ގޮތުގައި މަސައްކަތްކުރާ ފޮކްސްކޮންގެ ޒެންގްޒޯ ކޮމްޕްލެކްސްގައި ލައްކައެއްހާ މަސައްކަތްތެރިން ވަޒީފާ އަދާ ކުރެއެވެ.

އިނގިރޭސި ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދިން ޝިއާ ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ މީހަކު ބުނީ އޭނާ އާއި އެކުވެރިން ބައިތިއްބާފައި ވަނީ ޑޯރމިޓޯރީތަކުގައެވެ. އަދި އެތަންތާނގައި ހަމައެއް ލަމައެއް ނެތް ކަމަށް އޭނާ ބުނެއެވެ.

އަދި ޕްލާންޓް ވަށައިގެންވާ ސަރަހައްދު ލޮކްޑައުންކޮށްފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް އެހެން ބަޔަލކު ކިޔައދީފައި ވެއެވެ. އެއާއެކު ކޮވިޑަށް ޕޮޒިޓިވްތޯ ބެލުމަށް މަސައްކަތްތެރިން ކޮންމެ ދުވަހަކު ޓެސްޓުކޮށް ކަރަންޓީނު ކުރަމުންދާ ކަމަށް ވެސް މަސައްކަތްތެރިން ބުނެ އެވެ.

އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ފޮކްސްކޮން އިން ވަނީ ޒެންގްޒޯ ޕްލާންޓުގައި ކެފެޓޭރިއާގައި ތިބެގެން ކައިހެދުން މަނާކޮށް، މުވައްޒަފުންނަށް އެމީހުންގެ ކޮޓަރިތަކުގައި ތިބެގެން ކާން ޖެހޭކަން އިއުލާންކޮށްފައެވެ.

ޒެންގްޒޯގެ މި ޕްލާންޓަކީ އައިފޯނުގެ 14 މޮޑެލް އުފައްދާ ފެކްޓްރީއެކެވެ.