ޗައިނާގެ މުދަލަށް އެދޭމިންވަރު ދަށް ވުމުގެ ސަބަބުން ޗައިނާގެ ފެކްޓްރީ ހަރަކާތްތައް ހީވެސް ނުކުރާ ގޮތަކަށް އޮކްޓޯބަރު މަހު ދަށަށް ހިނގައްޖެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުގައި އެކިއެކި ހުރަސްތައް ސަރުކާރުން އަޅާފައި ވުމުގެ ސަބަބުން އުފެއްދުންތެރިކަމާއި ދަތުރުފަތުރާއި ޝިޕިންއަށް އަސަރުކޮށްފައި ވެއެވެ. ވޯލްސްޓްރީތް ޖާނަލްއިން ބުނާ ގޮތުން ޗައިނާއިން އަޅާފައިވާ ފިޔަވަޅު ތަކުން އެގައުމުގެ އިގްތިސާދު ދަށަށް ދިއުމުން އޭގެ އަސަރު މުޅި ދުނިޔެއަށްވެސް ކުރާނެ ކަމަށެވެ.
ޗައިނާގެ އިގްތިސާދު ދަށަށް ދިއުމުގެ އަނެއް ސަބަބަކީ އިމާރާތް ކުރުމާއި ބިމާއި ގެ ވިއްކުމުގެ ބާޒާރު ހީނަރު ވުމެވެ. އެކަމުގެ ސަބަބުން ދަނގަޑާއި ގުޅުން ހުރި އެހެން ބާވަތްތަކާއި ދަތުރުފަތުރާއި މަސައްކަތަށް ހރަސް އެޅު އެދާއިރާތައް ބަންދުވެފައި ވެއެވެ.
ސެޕްޓެމްބަރު މަހު މެނުފެކްޗަރިން ޕާޗޭސިން މެނޭޖަރުންގެ އިންޑެކްސް (ޕީއެމްއައި) ވަނީ 50.1 އަށް ވެއްޓިފައި ކަމަށް ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެއެވެ.
ޗައިނާގައި ޒީރޯ ކޯވިޑް ސިޔާސަތު ދެމިއޮތުމާއެކު، ލަފާ ކުރެވެނީ، 2023 ވަނަ އަހަރާ ހަމައަށް ވެސް ޗައިނާގެ އިގްތިސާދަށް އުނދަގޫތަކެއް ކުރިމަތިވާނެހެން ކަމަށް ކެޕިޓަލް އިކޮނޮމިކްސްގެ އިކޮނޮމިސްޓް ޒިޗުން ހޫއާންގް ރިސާޗް ނޯޓެއްގައި ވިދާޅުވެފައިއެވެ.
ހީނަރުކަން ވެރިވެފައިވަނީ އުފެއްދުންތެރިކަމުގެ ދާއިރާއަށް އެކަންޏެއްވެސް ނޫނެވެ. ޚިދުމަތުގެ ދާއިރާގެ ހަރަކާތްތަކަށް ބަލާއިރު ޕީއެމްއައި ސެޕްޓެމްބަރު މަހު 50.6 އިން 48.7އަށް ވެއްޓިފައި ވެއެވެ.