ޕޯޗުގަލްގެ ހުރިހާ ރައްޔިތުންނަށްވެސް ކޮވިޑް ވެކްސިން ދޭނީ މުޅިން ހިލޭ ކަމަށް ޕޯޗުގަލް ސަރުކާރުން އިޢްލާން ކޮށްފިއެވެ.

ޕޯޗްގަލް ސަރުކާރުން މިހާރު ތައްޔާރުވަމުން ދަނީ އެގައުމުގެ ރައްޔިތުންނަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ވެކްސިން ދޭން ފެށުމަށެވެ.

އެގޮތުން، ވެކްސިން ދިނުމުގެ ފުރަތަމަ ފިޔަވަހީގައި މުޅި އާބާދީގެ ގާތްގަނޑަކަށް %10 މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކޮވިޑް ވެކްސިން ދޭން ފެށުމުގައި ފުރަތަމަ އިސްކަން ދޭނެ ގްރޫޕްތަކެއްވެސް ޕޯޗުގަލް ސަރުކާރުން ކަނޑައަޅާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ނޭވާލާ ނިޒާމުގެ ބަލިމީހުންނާއި ފުއްޕާމޭގެ ބަލީގައި ކުރިންވެސް އުޅެމުންދާ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި، ސިއްހީ، އަސްކަރީ އަދި ސަލާމަތީ ޚިދުމަތްތަކުގައި އުޅޭ މީޙުންނެވެ.

މީގެއިތުރުން، އުމުރުން ދުވަސްވީ މީހުން ބައިތިއްބާ ގެތަކުގައި ތިބޭ މީހުންގެ އިތުރުން، އައިސީޔޫގައި ފަރުވާދެމުންދާ މީހުންވެސް، ފުރަތަމަ ފިޔަވަހީގައި ވެކްސިންދޭން ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެއެވެ.

ޕޯޗުގަލް ސަރުކާރުން އެކުލަވާލާފައިވާ ވެކްސިން ޓާސްކްފޯހުގެ ކޯޑިނޭޓަރ ފްރަންސިސްކޯ ރާމޯސް ވިދާޅުވީ، ވެކްސިން ދިނުމުގެ ފުރަތަމަ ފިޔަވަހި ޖެނުއަރީގައި ފަށައިގެން ފެބްރުއަރީމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

ކޮވިޑް ވެކްސިން ދިނުމަށްޓަކައި ޕޯޗުގަލް ސަރުކާރުން މިހާރުވަނީ އެގައުމުގެ އެކި ކަންކޮޅުތަކުން 1،200 ހެލްތު ސެންޓަރު ކަނޑައަޅާފައެވެ.

ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޯސްޓާ ވިދާޅުވީ، ޕޯޗްގަލްއަށް ބޭނުންވާ ވަރަށް އެއްފަހަރާ ވެކްސިން ނުލިބޭނޭ ކަމަށެވެ. މުޅި އަހަރު ތެރޭގައިވެސް ވެކްސިން ދާނީ އަންނަމުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ޚާއްސަ ގްރޫޕްތަށް ފިޔަވައި، ދެވަނަ ފިޔަވަހީގެ ދަށުން ވެކްސިން ދިނުމަށް ޕޯޗްގަލްއިން ކަނޑައަޅާފައިވަނީ 2.7 މިލިއަން މީހުންނަށެވެ. އެއީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށެވެ.

ޕޯޗްގަލްގެ ހުރިހާ ރައްޔިތުންނަށް ވެކްސިންދީ ނިންމާލަން ރާވާފައިވަނީ ތިންވަނަ ފިޔަވަހީގެ ދަށުންނެވެ.

ޕޯޗްގަލްގެ ހެލްތު މިނިސްޓަރ މާރތާ ޓެމީޑޯ ވިދާޅުވީ، އެގައުމަށް 22 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް ސަރުކާރުން 243.14 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައި ވެއެވެ.

ނަމަވެސް، ރައްޔިތުންނަށް ވެކްސިން ދޭނީ އެއްވެސް އަގެއް ނުނަގައި ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ގަތުމަށްޓަކައި ޕޯޗްގަލް ސަރުކާރުން މިހާރުވަނީ، ކިޔޯވެކް، ފައިޒަރ/ބަޔޯއެންޓެކް، މޮޑަނާ، ޖޯންސަންއެންޑްޖޯންސަން، ސެނޯފީ އެންޑް ޖީއެސްކޭއާއެކު އެއްބަސްވުންތަކުގައި ސޮއިވެސް ކޮށްފައެވެ.

ޕޯޗުގަލްގެ އާބާދީގައި ގާތްގަނޑަކަށް 10 މިލިއަން މީހުން ހިމެނޭއިރު، އެގައުމުން މިހާތަނަށް 307،618 މީހުންނަށް ކޮވިޑްބަލި ޖެހިފައިވާއިރު، 4،724 މީހުން ބަލީގައި މަރުވެފައި ވެއެވެ.