އިނގިރޭސި ޕްރިމިއަރ ލީގުގައި މިހަފްތާގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވި އެސްޓަންވިލާއަށް ކުޅޭ އާޖެންޓީނާ ގައުމީ ޓީމުގެ އެއްނަންބަރު ކީޕަރު އެމިލިއާނޯ މާޓިނޭޒްގެ އަނިޔާ ސީރިއަސް ނޫން ކަމަށް އާޖެންޓީނާގެ ނޫސްތަކުން ބުނެފިއެވެ.

ބޯޅަ ހިފަން އުޅުމުގެ ތެރޭގައި މާޓިނޭޒްގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ވަގުތުން ދަނޑުން ބާލައި އޭނާއަށް އަވަސް ފަރުވާ ދިނެވެ. ފަހުން އިސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި މާޓިނޭޒް ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މާޓިނޭޒްގެ އަނިޔާ ސީރިއަސް ނޫންނަމަވެސް، އާޖެންޓީނާގެ ގައުމީ ޓީމުގައި ހިމެނޭ ފޯވާޑް ޕައުލޯ ޑިބާލާ، މިޑްފީލްޑަރު ލޮސެލްސޯ، ވިންގަރ ޑިމާރިއާ ހުރީ އަނިޔާގައެވެ. އާޖެންޓީނާގެ ނޫސްތަކުން ބުނާ ގޮތުގައި މީގެ ތެރެއިން ވޯލްޑް ކަޕް ނުކުޅެވުމުގެ ބިރު އޮތީ ޑިބާލާއަށް އެކަންޏެވެ.

ވޯލްޑް ކަޕުގެ ފެވަރީޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ މިފަހަރު އޮތީ ސައުދީ އަރަބިއްޔާ، ޕޮލެންޑް އަދި މެކްސިކޯއާއެކު ގްރޫޕް "ސީ" ގައެވެ.