ފީފާ ވޯލްޑް ކަޕް ފެށެން އެންމެ 21 ދުވަހަށް ވެފައި ވަނިކޮށް، މުހިއްމު މިޑްފީލްޑަރެއް ކަމުގައިވާ ބުކަޔޯ ސަކާއަށް އަނިޔާވުމުން އިނގިރޭސިނަށް ނުތަނަވަސްކަން ކުރިމަތިވެއްޖެއެވެ.

އެންމެފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިނގިރޭސިން ގެންގޮސް ދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރި ސަކާއަށް އަނިޔާވީ އިނގިރޭސި ޕްރިމިއަރ ލީގުގައި މިހަފްތާގައި ކުޅެނިކޮށެވެ. ސަކާއަށް އަނިޔާވީ ފައިތިލައަށާއި ކަށިމައްޗަށެވެ. އާސެނަލްގެ ކޯޗް މައިކަލް އާޓެޓާ ބުނެފައި ވަނީ ސަކާ،21، ގެ އަނިޔާ ސީރިއަސް ނޫން ކަމަށާއި އެކަމަކު އަނިޔާއިން ސަލާމަތްވެ ވޯލްޑް ކަޕަށް ދާއިރު ފިޓްނަސް ލެވެލް ހުންނާނީ ކިހިނެއްކަން ބުނަން ދަތި ކަމަށެވެ.

ސަކާއަށް އަނިޔާވެ އޭނާގެ ވޯލްޑް ކަޕް ފެށެންވާއިރަށް އޭނާގެ ފިޓްނަސް ލެވެލް ހުންނާނެ ގޮތާއިމެދު ސުވާލު އުފެދިފައިވާއިރު، މުހިއްމު ވިންގަރ ރަހީމް ސްޓަރލިންގެ ފޯމް މިދުވަސްވަރު ދަށްވެފައި ވުމަކީވެސް މިހާރު އިނގިރޭސިންނަށް ކުރިމަތިވެފައިވާ ބޮލުގެ ރިހުމެކެވެ. މެންޗެސްޓަރ ސިޓީއިން ދޫކޮށްލުމުން މިސީޒަނުގައި ޗެލްސީއަށް ކުޅެމުން އަންނަ ސްޓަރލިންއަށް ޗެލްސީއަށް އޭނާ އެންމެފަހުން ކުޅުނު 8 މެޗުގައިވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ވޯލްޑް ކަޕުގައި އިންގްލެންޑް އޮތީ އިރާނާއި ވޭލްސް އަދި އެމެރިކާއާއެކު ގްރޫޕް "ބީ" ގައެވެ.