މިސީޒަނުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއްކުޅުންތެރިޔަކީ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ޖޮއެލިންޓަނެވެ. ނިއުކާސަލް ޔުނައިޓެޑުން އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނައިރު ޖޮއެލިންޓަން ދަނީ އެޓީމުގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު އެސްޓަންވިލާ އަތުން 4-0 އިން ނިއުކާސަލް މޮޅުވި މެޗުގައި މެޗުބަލަން ދަނޑަށް ވަދެ ހުރި އެއްފަރާތަކީ ބްރެޒިލްގެ ކޯޗް ޓިޓޭއެވެ. އޭނާގެ އެސިސްޓެން ކޯޗްވެސް މެޗް ބަލަން ދަނޑުގައި އިނެވެ. ޖޮއެލިންޓަށް ވަނީ 59 ވަނަ މިނެޓުގައި ލަނޑެއްވެސް ކާމިޔާބު ކޮށްފައެވެ. އަދި އޭގެ ކުރިން ދެލަނޑު ނިއުކާސަލްއިން ޖެހުމުގައި އޭނާގެ ހިއްސާ ބޮޑެވެ.
ޖޮއެލިންޓަން، 26، ބްރެޒިލް ސްކޮޑުން ވާދަކުރަން ޖެހެނީ އޭނާއާއެކު ނިއުކާސަލްއަށް ކުޅެމުން އަންނަ ގުއިމަރެސް އާއި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކެސެމީރޯ އާއި ފްރެޑް އަދި އެސްޓަންވިލާގެ ފިލިޕް ކުޓީނިއޯއާއެވެ.
ނިއުކާސަލްގެ ކޯޗް އެޑީ ހައުވް ބުނީ ޖޮއެލިންޓަންއަކީ މެދުތެރޭގެ ކޮންމެ މަގާމަކަށްވެސް މޮޅު ކުޅުންތެރިއެއްކަން އޭނާ އެދަނީ ސާބިތުކޮށްދެމުން ކަމަށެވެ. "އޭނާއަކީ އެންމެ މަތީ ފެންތީގެ މިޑްފީލްޑަރެއް. އަހަންނަށް ޔަގީން ބްރެޒިލްގެ ކޯޗް އޭނާ (ޖޮއެލިންޓަން) ގެ ކުޅުމާ ގަޔާވާނެކަން. ވޯލްޑް ކަޕަށް ބްރެޒިލުން ގެންދާ ސްކޮޑުގައި އޭނާ ހިމެނިއްޖެނަމަ އަހަރެން ވަރަށް އުފާވާނެ" ނިއުކާސަލްގެ ކޯޗް ހައުވް ބުންޏެވެ.