އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި ފްރާންސުން ތަށި ދިފާއުކުރުން ކައިރި ކަމަށް ބްރެޒިލް ގައުމީ ޓީމުގެ ނުރައްކާތެރި ވިންގަރ ވިނީޝިއަސް ޖޫނިއަރ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ "ސްޕޯޓްބައިބްލް" އަށް ދިން ބަސްދީގަތުމެއްގައި ވިނީޝިއަސް ބުނީ ފްރާންސަކީ މިފަހަރުގެ ވޯލްޑް ކަޕް ފެވަރީޓުން ކަމަށާއި މުބާރާތުގައި ބަލި ކުރަން ޖެހޭ ޓީމަކީ ފްރާންސް ކަމަށެވެ. "އެންމެ ވަރުގަދައީ ފްރާންސް. މުބާރާތުގައި ފްރާންސަށް އެންމެ ބޮޑު ޗެލެންޖެއް ކުރިމަތި ކުރާނެ ބަޔަކަށް ހަމަގައިމުވެސް އަހަރެމެން (ބްރެޒިލް) ވެގެންދާނެ" ވިނީޝިއަސް ބުންޏެވެ.

މީގެ އިތުރުން ވިނީޝިއަސް ބުނީ އާޖެންޓީނާ އާއި އިންގްލެންޑަކީވެސް މުބާރާތުގެ ފެވަރީޓުންގެ ތެރޭގައި ހިމެނޭ ދެގައުމު ކަމަށް އޭނާ ދެކޭ ކަމަށެވެ.

ފްރާންސާއި ބްރެޒިލަކީ ވޯލްޑް ކަޕުގައި ވަރަށް ވާދަވެރި ދެގައުމެވެ. ފަހުގެ ތާރިހުގައި ވޯލްޑް ކަޕުގައި ބްރެޒިލަށް ފްރާންސްގެ މައްޗަށް ކުރި ހޯދިފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ. ފްރާންސުން 1998 ވަަނަ އަހަރުގެ ވޯލްޑް ކާމިޔާބު ކުރީ ފައިނަލުގައި ބްރެޒިލް 3-0 އިން ބަލިކޮށްފައެވެ. އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން ފްރާންސް ޖާގަ ހޯދީ ކުއާޓާގައި ބްރެޒިލް ބަލި ކުރުމަށްފަހުއެވެ.