ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުން މިހާރު ކަޓާފައިވާ ބާސެލޯނާއިން ކުރިއަށް އޮތް ބުދަ ދުވަހުގެ ރޭ ޕްލެޒެންއާ ދެކޮޅަށް ޒުވާން ޓީމެއް ނެރުމަށް ނިންމައި ކޯޗް ޒަވީ ހެނާންޑޭޒް ސްކޮޑް ފައިނަލް ކޮށްފިއެވެ.
ޗެކްރިޕަބްލިކުގެ ޕްލެޒެން އާއި ބާސެލޯނާ މިހާރު ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު މިގްރޫޕުން ދެވަނަ ބުރުގެ ޖާގަ ހޯދީ ބަޔާން މިޔުނިކާއި އިންޓަމިލާނެއެވެ. ބާސެލޯނާއިން ޕްލެޒެންއާ ދެކޮޅަށް ކުޅުމަށް ޗެކްރިޕަބްލިކަށް ގެންދާ ސްކޮޑުން ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އާއި ކެޕްޓަން ސާޖިއޯ ބުސްކެޓަށް ފުރުސަތު ދީފައެއް ނުވެއެވެ. ލީގުގައި އެންމެފަހުން ވެލެންސިޔާއާ ދެކޮޅަށް ކުޅެ ފަހުވަގުތު 1-0 އިން މޮޅުވި މެޗުގައި ލަނޑު ޖެހި ލެވަންޑޮސްކީގެ ބުރަކަށްޓަށް އަނިޔާވެފައިވާތީ އޭނާއަށް އަރާމް ކުރަން ފުރުސަތު ދިނީ ކަމަށް ޒަވީ ވަނީ ބުނެފައެވެ.
ސްކޮޑުގައި ހިމަނާފައިވާ ޒުވާން ކުޅުންތެރިންނަކީ އުއްމީދީ މިޑްފީލްޑަރު ޕަބްލޯ ޓޮއްރޭ އާއި އެލެކްސް ވައްލެ، އަލްވާރޯޒް ސަންޒް އަދި އަރްނައު ޓެނަސް ފާހަގަ ކޮށްލެވެއެވެ.
ބާސާ މިސީޒަނުގައި ދެން ވާދަކުރަނީ ޔުރޮޕާ ލީގުގައެވެ. ސްޕެއިނަށް ނިސްބަތްވާ ކްލަބުތަކުގެ ތެރެއިން ޗެމްޕިއަންސް ލީީގް ދެވަނަ ބުރުން މިފަހަރު ޖާގަ ހޯދުނީ ހަމައެކަނި ރެއާލް މެޑްރިޑަށެވެ. ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.