ބައިނަލްއަގުވާމީ ރަހްމަތްތެރި ކަމުގެ މެޗެއްގައި ޑިސެމްބަރު މަހު ރާއްޖެއިން މެލޭޝިޔާއާ ދެކޮޅަށް މެޗެއް ކުޅެން ހަމަޖެހިއްޖެއެވެ.

ފީފާ ރޭންކިންގެ 146 ވަނައިގައި އޮތް މެލޭޝިޔާގެ އިތުރުން އިތުރު ގައުމަކާ ދެކޮޅަށްވެސް މެޗެއް ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޑިސެމްބަރު މަހު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ރާއްޖެއިން މަސައްކަތް ފަށާފައި މިވަނީ ގައުމީ ޓީމުގެ ކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް މިދިޔަ މަހު އައުކުރުމަށްފަހުއެވެ. މޮރިއޭރ އަމާޒު ހިފާފައި ވަނީ ޒުވާން ގިނަ ކުޅުންތެރިންނާއެކު އެކުވެރިކަމުގެ ގިނަ މެޗުތަކެއް ކުޅެ އޭނާ ބޭނުންވާ ސްޓައިލަށް ރާއްޖޭގެ ކުޅުން ފެއްތުމަށެވެ.

ރާއްޖެއިން ވަނީ މިދިޔަ މަހު އެކުވެރިކަމުގެ ދެމެޗް ދުނިޔޭގެ ރޭންކިންގެ އެންމެ ފަހަތުގައި އޮތް ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ލާއޯސް އާއި ބުރުނާއީއާ ދެކޮޅަށް ކުޅެފައެވެ. މިދެމެޗްވެސް ރާއްޖެއިން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ.