މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގައި އުއްމީދަކީ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް ޕޯޗުގަލް ގައުމީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދައި ދިނުން ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

"ރޭޑިއޯ ޓެލެވިޜަން ޑި ޕޯޗުގަލް" އަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިސީޒަނުގައި ކްލަބު ލެވެލްގައި އެންމެ ރަނގަޅަށް އޭނާއަށް ނުކުޅެވޭ ކަމަށާއި އެކަމަކު ވޯލްޑް ކަޕުގައި ތަފާތު ދައްކަން ތައްޔާރަށް ހުރި ކަމަށެވެ.

"މިއީ އަހަރެންގެ ފަސްވަނަ ވޯލްޑް ކަޕް. ވަރަށް މަދު ކުޅުންތެރިޔަކަށް ނޫނީ ފަސް ވޯލްޑް ކަޕުގައި ކުޅެވިފައެއް ނެތް. އަހަރެންގެ އުއްމީދަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އަހަންނަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކުރެވުން. އަހަރެން އެކަން ކުރާނަން. އަދި ގައުމީ ޓީމަށް ހޯދައިދެވެން އޮތް އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދައި ދިނުން" ރޮނާލްޑޯ،37، ބުންޏެވެ.

ރޮނާލްޑޯގެ ފުރަތަމަ ވޯލްޑް ކަޕަކީ 2006 ގެ ވޯލްޑް ކަޕެވެ. އޭގެފަހުން 2010 ، 2014 އަދި 2018 ގެ ވޯލްޑް ކަޕުގައި ޕޯޗުގަލް ލީޑް ކުރީ ރޮނާލްޑޯއެވެ. ވޯލްޑް ކަޕުގައި މިހާތަނަށް ރޮނާލްޑޯ ކުޅުނު 17 މެޗުގައި ކާމިޔާބު ކުރެވިފައި ވަނީ 7 ލަނޑެވެ. އެންމެފަހުގެ ވޯލްޑް ކަޕުގައި ސްޕެއިން ކޮޅަށް ހެދި ހެޓްރިކާއެކު ރޮނާލްޑޯ ވެފައި ވަނީ ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އެންމެ ދޮށީ ކުޅުންތެރިޔާ ކަމުގައެވެ.

ވޯލްޑް ކަޕުގައި ޕޯޗުގަލް ހިމެނެނީ ގާނާ ، ދެކުނު ކޮރެއާ އަދި އުރުގުއޭއާއެކު ގްރޫޕް "އެޗް" ގައެވެ.