ޗައިނާއިން ދަނީ އެފްރިކާގެ ސަރަހައްދުތަކުން ރޯ މާއްދާތައް ނަގައި އެ ސަރަހައްދުގެ ގުރުރަތީ ވަސީލަތްތަކުގައި އިންވެސްޓް ކުރަމުންނެވެ. ނަމަވެސް ޗައިނާގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތުން ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ބައެއް ގައުމުތަކުން ޝަކުވާ ކުރެއެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ އެއް ގައުމު ކަމަށްވާ ގެމްބިއާގައި ޗައިނާއާ ދެކޮޅަށް މީހުން މުޒާހަރާ ކުރަނީ ގުންޖޫރު ގޮނޑުދޮށް ތަޣައްޔަރުވުމާ ގުޅިގެންނެވެ. ޗައިނާގެ ފިޝްމީލް އުފައްދާ ކުންފުންޏަކން 2016 ވަނަ އަހަރު އެ ސަރަހައްދުގައި ހުޅުވި ފެކްޓްރީން ކުނިތައް ކަނޑައަށް އެޅުމުން ގޮނޑުދޮށް ކިލަބު ވެފައި ވެއެވެ. އަދި އޭގެ ސަބަުން ގިނަ އަދަދަކަށް މަސްމަހާމެހި ވަނީ މަރުވެ ފެނުގެ ކުލަ ބަދަލުވެފައެވެ.

މީހުންގެ ޝަކުވާތަކަށް ސަރުކާރުން ފިޔަވަޅު ނޭޅުމުން މީހުންގެ އިތުރަށް ރުޅި ގަދަވެފައި ވެއެވެ.

ޗައިނާއިން މަސްވެރިކަން ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް ސިއެރާލިއޯންގައިވެސް ހިންގައެވެ. ސިއެރާ ލިއޯންގައި ކޮށްފައިވާ އިންވެސްޓްމަންޓުން އެ ސަރަހައްދުގެ ފެންގަނޑާއި ފެނުގައި ދިރިއުޅޭ ދިރުންތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ ތިމާވެށީގެ ޖަމާއަތްތަކުންވެސް ވަނީ ޗައިނާ ކުންފުނިތަކަށް ފާޑު ކިޔާފައެވެ. ޗައިނާއިން 55 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގައި ސިއެރާ ލިއޯން ގައ 2021 ވަނަ އަހަރު ގެމްބިއާގައި ހަދާފައި ހުރި ވައްތަރުގެ މަސްވެރިކަމުގެ ބަނދަރާއި ފިޝްމީލް ޕްލާންޓެއް ހެދުމަށް ނިންމިއެވެ.

ޗައިނާއިން ބިން ހިއްކައިދިން މާލީގައިވެސް ތިމާވެށި ހަލާކު ވުމުގެ ކަންބޮޑުވުންތައް ފާހަގަ ކޮށްފައި ވެއެވެ. 2017 އާއި 2022 އާ ދެމެދު ޗައިނާއިން ވަނީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ދިނުމަށްފަހު މާލީން ބައި މިލިއަން ކޮސޯ ގަސް އެތެރެކޮށްފަ އެވެ. އެއީ ޗައިނާގައި ލަގްޒަރީ ފަރުނީޗަރު އުފެއްދުމަށް ރޯސްވުޑް ނެގުމަށް ބޭނުން ކުރާ ކޮސޯ ގަސްތަކެވެ.

އެ ގަސްތައް ކެނޑުމުގެ ސަބަބުން ސަރަހައްދުގެ ތިމާވެސްޓަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ އެންޖީއޯތަކން ބުނެއެވެ.

2020 ވަނަ އަހަރު މާލީ ސަރުކާރުން ވަނީ ކޮސޯ ގަސްތައް ކެނޑުން މަނާ ކަމަށް ނިންމާފައެވެ. ނަމަވެސް ލޯކަލް އިންވެސްޓިގޭޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާއިން ވަނީ މަނާކޮށްފައިވާ ލަކުޑިތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، އިސް އޮފިޝަލުންނަށް ރިޝްވަތު ދީ ކަން ކާމިޔާބުކޮށްފައެވެ.

ޗައިނާއިން ކުރިން ދެކުނު އިރުމަތީ އޭޝިއާ އިން ރޯސްވުޑް ހޯދަމުން ދިޔަ ނަމަވެސް، އެ ސަރަހައްދުން ރޯޒްވުޑް ނެގުން ގނަވުމުން މިހަރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެމެރިކާގެ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ރިވަރސް އިން 2019 ވަނަ އަހަރު ބުނެފައި ވަނީ ޗައިނާގެ ސަރުކާރު ކުންފުނިތަކުން އެފްރިކާގައި ހިންގާ މަޝްރޫއުތަކުގައި ތިމާވެށްޓާއި އިޖުތިމާއީ މިންގަނޑުތަކަށް ސަމާލު ނުވާ ކަމަށެވެ.

ގާނާ އާއި އައިވަރީ ކޯސްޓް ފަދަ ގައުމުތައް ދިޔައީ އެ ގައުމުތަކުގެ ސަރަހައްދުގައި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ބިނާކުރުމުގެ މަސައްކަތް ކުރަމުން ތިމާވެށީގެ ގޮތުން ދަށްފެންވަރުގެ ހަމަތަކެއް ގެންގުޅެމުންނެވެ.

ޔޫގަންޑާގައި ޗައިނާގެ ޗައިނާ އިންޓަނޭޝަނަލް އެންޑް ވޯޓާ އިލެކްޓްރިކް ކުންފުނިން ވަނީ ވައިޓް ނައިލް ކޯރުގައި އިސިމްބާ ހައިޑްރޯލެކްޓްރިކް ޕަވަރ ސްޓޭޝަން ހެދުމުގެ މަސައްކަތް ކޮށްފައެވެ.

އެކަން ކޮށްފައިވަނީ އެހިސާބުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށާއި ޖަނަވާރު ދިރިއުޅޭ ތަންތަނަށް އިއާދަ ނުކުރެވޭފަދަ ގެއްލުންތަކެއް ލިބޭނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދީފައި ވަނިކޮށެވެ.

ހަމައެފަދައިން އައިވަރީ ކޯސްޓްގައި ވެސް މަޝްހޫރު ސައިނޯހައިޑްރޯ އިންޓަނޭޝަނަލް އިން ވަނީ އެ ގައުމުގެ އިކޮލޮޖިކަލް ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދީގެން ސަސަންދްރާ ކޯރުގައި ހައިޑްރޯއިލެކްޓްރިކް ޕަވަރ ސްޓޭޝަންގެ މަސައްކަތް ކޮށްފައެވެ.

އެކަމުގެ އަސަރު ހިސާބުގެ ދިރުންތަކަށާއި ރައްޔިތުންނަށް ކޮށްފައިވެއެވެ.