ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2019 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ބީ.ޕީ.ޓީ ގެ ފައިސާ ނުދައްކައިވާ ފަރާތްތަކާއި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން މީރާއިން މިއަދު ހާމަކޮށްފިއެވެ. މިގޮތުން، މީރާއިން ޝާޢިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 393 ފަރާތެއްގެ ނަން ހާމަކޮށްފައިވެއެވެ.

އެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުގެގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް އެ ލިސްޓުން އުނިކުރެވޭނޭ ކަމަށް މީރާއިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭން ގެ ދަށުން މި އަދަދު ބައި ބަޔަށް ބަހައިލައިގެން ދެއްކޭގޮތަށް ހަމަޖެއްސޭނޭ ކަމަށް ވެސް މީރާއިން ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް ވެސް މީރާއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭޭގެ މަޝްހޫރު ކުންފުނިތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ތްރީއޭ އެންޑް ޓްރޭޑިން ކޮމްޕެނީއާއި، އޭއެޗު ބްރަދަރސް އާއި، އަބްދުﷲ މުސްތާގު (އެވިޑް ކޮލެޖް) އާއި އަތަމާ މެރިންއާއި، ޑްރީމްސް ހޯލްޑިންއާއި، ފަހަމާސް ގްރޫޕާއި، ފިއުލް އެކްސްޕްރެސް މޯލްޑިވްސްއާއި، ހަނީކޯނަރ ޕްރައިވެޓް ލިމިޓެޑާއި، މެެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑާއި މައުންޓްލެވީނިއާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ. މީގެ އިތުރުން ވެސް މަޝްހޫރު ބައެއް ކުންފުނިތައް ހިމެެނެއެވެ.