ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅާބެހޭ މައުލޫމާތު ޕީޕީއެމުން ދެއްވައިފިއެވެ.
އެޕާޓީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމިން އައްޑުއަށް ކުރައްވާ ދަތުރުފުޅު ފަށްޓަވާނީ ނޮވެމްބަރު 6 ވަނަ ދުވަހު ކަމަށެވެ. ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ނޮވެމްބަރ 9 ވަނަ ދުވަހު ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގައި ތިބި ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރައްވާނެއެވެ. އެގޮތުން ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްވުގެ އިތުރުން އެމަނިކުފާނާ ބައްދަލު ކުރަން ބޭނުންވާ އެހެން ޕާޓީތަކުގެ މީހުންނާ ވެސް ބައްދަލު ކުރުމުގެ ފުރުސަތު އޮންނާނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އެފުރުސަތު ބޭނުންވާ މީހުން ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކާ ބައްދަލުކޮށް ފުރުސަތު ހޯދުމަށް ހީނާ އެދިވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ތަސައްވުރު ހާމާ ކުރައްވާނެއެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫސިޓީއަށް ބޭނުންވާ ކަންކަންކަން ރައްޔިތުން ގާތުން އައްސަވައި އޮޅުން ފިލުއްވުމަކީ ރައީސް ޔާމީން ބޭނުންފުޅުވާ ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމީން އައްޑޫ ދަތުރުފުޅަށްފަހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށާއި ހުވަދުއަތޮޅަށެވެ. އެހެންނަމަވެސް ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ފަހުން ހާމަކުރައްވާނޭ ކަމަށް ހީނާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދަތުރުފުޅުތައް ކުރައްވާނީ ނޮވެމްބަރ 17 ގެ ފަހުންނެވެ.