ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައްޑޫސިޓީގައި ގާއިމް ކޮށްފައިވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ހިންގަން ތިބި މީހުންނަށް އެތަން ހިންގަން ނޭނގުމަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއްދަތިކަން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
މިމަހު 6 އިން 9 އަށް ރައީސް ޔާމީން އައްޑުއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އައްޑުއަށް ވަނީ ތަރައްގީގެ އެތައް ކަމެއް ކޮށްދެއްވާފައި ކަމަށެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އޭއީއެޗު ކަމަށް ވިދާޅުވިއެވެ. އެއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ މެޝިނަރީޒްތަކާއި ޒަމާނީ އޮޕަރޭޝަންތިއޭޓަރުތަކާއި އެހެނިހެން ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށް ވިދާޅުވިއެވެ. އެހެނަސް އެތަން ހިންގަން ނޭނގުމަކީ ރައްޔިތުންނަށް އެކަމުގެ ދަތިކަން ފޯރާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް އޭގެތެރެއިން އެމަނިކުފާނު ވަނީ ގުނާ އަދަދު ނުކުރެވޭވަރަށް އައްޑޫ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ހިންގަވާފައި ކަމަށް ހީނާ ވިދާޅުވިއެވެ. "އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތު ވެސް އިތުރުވެގެންދިޔަ. ހަމައެއާއެކު މަގު ހެދުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިއަށްދިޔަ. ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް އައިއިރުގައި ފެނުގެ މަޝްރޫއު ނިމި ހުރިހާ ގެތަކަށް ފެންހޮޅިލައި ފެންދޫކުރުމާ ހަމައަށް ވަނީ ގެންގޮސްދީފައި،" ހީނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މަރަދޫ މަސްވެރިން ބޭނުންވާ ގޮތަށް ބަނދަރު ހެދުމުގެ މަސައްކަތް ފެށްޓެވި ކަމަށާއި ފޭދޫ ބިން ހިއްކެވި ކަމަށާއި، ހުޅުދުއާއި މީދޫގައި ފެނާއި ނަރުދަމާ ގާއިމް ކޮށްދެއްވި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އޭގެ އިތުރުން މަސްފެކްޓްރީއެއް ގާއިމްކޮށްދެއްވައި، ގަންއިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ތަރައްގީގެ އެތައް މަޝްރޫއުތަކެއް ހިންގަވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.