މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގައި އިނގިރޭސި ސަޕޯޓަރުން ހަމަ މަގަށް އަޅުވައި އޮބެހެއްޓުމަށް އިނގިރޭސި ފުލުން ހަރަކާތްތެރިވާނެ ކަމަށް އިނގިރޭސި ޗީފް ކޮންސްޓަބަލް މާކް ރޮބަޓްސް ވިދާޅުވެއްޖެއެވެ.

ރޮބަޓްސް ވިދާޅުވީ އިނގިރޭސި ފުލުހުން ހަރަކާތްތެރިވުމަށް ހަމަޖެފައި ވަނީ ގަތަރުގެ ގާނޫނުތަކަށާއި ގަވައިދުތަކަށް ސަޕޯޓަރުން ހިލާފްވާނަމަ އެކަން ހުއްޓުވުމަށާއި އަދި އިނގިރޭސި ސަޕޯޓަރުން ހަމަނުޖެހުމެއް ހިންގައިފިނަމަ އެކަން ހުއްޓުވުމަށެވެ. މިގޮތުން އިނގިރޭސި ސަޕޯޓަރުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ސަރަހައްދުތަކުގައި އިނގިރޭސި ފުލުހުން ހަރަކާތްތެރިވާނެއެވެ.

އިނގިރޭސި ސަޕޯޓަރުންނަކީ އާންމުގޮތެއްގައި ހަމަނުޖެހުން ހިންގުމަށާއި ގަވައިދުތައް މުގުރާލުމުގައި ވަރަށް ދޯޅުބައެކެވެ. އިނގިރޭސި ސަގަފާތާއި ގަތަރުގެ ސަގާފަތުގެ ތަފާތުކަން ބޮޑުވުމުގެ ސަބަބުން އިނގިރޭސި ސަޕޯޓަރުންނަށް ގިނަ އުނދަގޫތަކެއް މިފަހަރުގެ ވޯލްޑް ކަޕުގައި ކުރިމަތިވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. ގަތަރުގެ އާންމު ތަންތަނުގައި ބަނގުރާ ގެންގުޅުމާއި ބުއިމާއި ހަށިވިއްކުމަކީ ގަތަރުގެ ގާނޫނުން މަނާ ކަމެކެވެ.

މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މައިގަނޑު ޒިއްމާ ގަތަރުން ހަވާލު ކޮށްފައި އޮތީ ޕާކިސްތާނާއި ތުރުކީއަށެވެ.

ވޯލްޑް ކަޕުގައި އިނގިރޭސިންގެ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން އިރުއޮއްސި 18:00 ގައެވެ. މިގްރޫޕުގައި ދެން ހިމެނެނީ އެމެރިކާ އާއި ވޭލްސްއެވެ.