ޔުއެފާ ޗެމްޕިއަންސް ލީގުގައި ކޯޗެއްގެ ގޮތުގައި 102 މެޗް ކާމިޔާބު ކޮށްގެން މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަން ދަމަހައްޓަމުން ދިޔަ ރެކޯޑް، ރޭ ސެލްޓިކް 5-1 އިން ބަލިކޮށް ރެއާލް މެޑްރިޑުގެ ކޯޗް ކާލޯ އަންޗެލޮއްޓީ މުގުރާލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗް ކާމިޔާބު ކުރުމުގެ ރެކޯޑް އަންޗެލޮއްޓީއަށް ލިބިފައިވާއިރު އޭނާއަކީ ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ހަމައެކަނި ކޯޗްވެސް މެއެވެ. އެއީ އޭސީ މިލާނާއެކު 2 ފަހަރު އަދި ރެއާލްއާއެކު 2 ފަހަރުއެވެ.
ސެލްޓިކް ކޮޅަށް ރެއާލްއަށް ލަނޑު ޖަހައި ދިނީ ލޫކާ މޮޑްރިޗާއި ރޮޑްރީގޯ އާއި މާކޯ އެސެންސިއޯ އާއި ވިނީޝިއަސް އާއި ފެޑްރީކޯ ވަލްވާޑޭއެވެ. މިމެޗުގައި ބްރެޒިލްގެ އުއްމީދީ ފޯވާޑް ރޮޑްރީގޯ ޖެހި ލަނޑާއެކު އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު 13 އަށް އެރީއެވެ. ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯ ނަޒާރިއޯއަށްވެސް ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރެވިފައި ވަނީ 13 ލަނޑެވެ.
މިމެޗުގައި މޮޑްރިޗާއި ރޮޑްރީގޯ ލަނޑު ޖެހިީ ލުބުނު ދެޕެނަލްޓީއިންނެވެ.
މިފަހަރު ޗެމްޕިއަންސް ލީގް ރެއާލްއިން ނިންމާލީ 13 ޕޮއިންޓާއެކު ގްރޫޕް "އެފް" ގެ އެއްވަނައިގައެވެ. މިގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަަ ހޯދީ ޖަރުމަނުގެ ރެޑްބުލް ލައިޕްޒީގެވެ.