އަމިއްލަ ދަނޑުގައި ސަލްސްބާގް 4-0 އިން ބަލިކޮށް، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު މަޝްހޫރު އޭސީ މިލާން ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ރޭ ޖާގަ ހޯދައިފިއެވެ.
މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މިލާނުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ފޯމުގައި ހުރި ފްރާންސް ފޯވާޑް އޮލިވަރ ޖިރޫ އާއި ރޭޑް ކްރިނިކާއި ޖޫނިއަރ މެސިއަސްއެވެ. މީގެ ތެރެއިން ޖިރޫ ދެލަނޑު ކާމިޔާބު ކުރިއެވެ.
މިލާނަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އެންމެފަހުން ޖާގަ ލިބިފައި ވަނީ 2013/14 ސީޒަނުގައެވެ. އަދި ރޭ ސަލްސްބާގް އަތުން ހޯދި މޮޅަކީ 2011 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 2 މެޗުން މިލާން މޮޅުވި ފުރަތަމަ ފަހަރެވެ.
7 ފަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައިވާ އޭސީ މިލާނަށް 2013 ވަނަ އަހަރު ކުރިމަތިވި މާލީ މައްސަލަތަކުން ސަލާމަތް ނުވެވި ގިނަ ދުވަސްތަކެއް ދިޔައެވެ. އެކަމަކު މީގެ ދެއަހަރެއްހައި ދުވަސް ކުރިން މާލީ މައްސަލަތަކުން އަރައިގަނެ ވަރުގަދަ ޓީމެއް ބިނާ ކުރުމުގެ މަސައްކަތް މިލާނުން ދަނީ ކުރަމުންނެވެ. މިގޮތުން މިލާނުން ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުވެސް ކާމިޔާބު ކޮށްފައެވެ.
މިލާނާއެކު މިގްރޫޕުން (ގްރޫޕް އީ) ދެވަނަ ބުރުން ޖާގަ ހޯދީ ޗެލްސީއެވެ. ރޭ އަމިއްލަ ދަނޑުގައި ޑައިނަމޯ ޒެގްރެބް 2-1 އިން ބަލިކޮށް، 13 ޕޮއިންޓާއެކު ޗެލްސީ ދެވަނަ ބުރުން ޖާގަ ހޯދީ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިލާނަށް ލިބުނީ 10 ޕޮއިންޓެވެ. ސަލްސްބާގަށް ލިބުނީ ގްރޫޕުގެ ތިންވަނައެވެ.