މިފަހަރު ވޯލްޑް ކަޕް ބަލާނީ މެންޗެސްޓަރ ސިޓީގައި އޭނާ ދިރިއުޅެމުން އަންނަ ލަގްޒަރީ ފްލެޓުގެ ސޯފާގައި އިނދެގެން ކަމަށް، ސިޓީގެ މަޝްހޫރު ކޯޗް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ ވޯލްޑް ކަޕް ދުވަސްވަރު އޭނާ ވަގުތު ހޭދަކުރާނެ ގޮތް އޮތީ ޕްލޭން ކުރެވިފައި ކަމަށެވެ. "ވޯލްޑް ކަޕް މެޗުތައް ބަލާލަން އެންމެ އަރާމް އަދި ހިތްފަސޭހަވާނީ އަމިއްލަ ގޭގައި ސޯފާގައި އިނދެގެން. ވޯލްޑް ކަޕް މެޗުތައް ބަލަން އަހަރެން އިންނާނީ ސޯފާގައި. އެއްހަފްތާ ނުވަތަ ދެހަފްތާ އަހަރެމެން މިކޮޅުގައި (މެންޗެސްޓަރ) ގައި އަރާމް ކޮށްލާނަން. އެއަށްފަހު ފަރިތަކުރުންތައް ކުރިއަށް ގެންދަން ފަށާނީ. ފަހަރުގައި އަބޫދާބީއަށް (ޔޫއޭއީއަށް) ނުވަތަ މިކޮޅުގައި ރަހްމަތްތެރި ކަމުގެ މެޗުތަކެއް ކުޅުމުގެ ޕްލޭން އޮތީ. ހަމަގައިމުވެސް ތިން ހަފްތާ އަހަރެމެން (ވޯލްޑް ކަޕަށް ނުދާ ސިޓީ ކުޅުންތެރިން) ތިބޭނީ އިނގިރޭސިވިލާތުގައި" ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗުގެ ގޮތުގައި ތަޖުރިބާކާރުން ދެކޭ ގާޑިއޯލާ ބުންޏެވެ.

ވޯލްޑް ކަޕަށް ސީޒަން މެދުކަނޑާލުމުގެ ކުރިން ސިޓީއަށް އަދި 3 މެޗް އެބައޮތެވެ. އިނގިރޭސި ލީގުގައި ސިޓީ މިވަގުތު އޮތީ އެއްވަނައިގައި އޮތް އާސެނަލްއަށް ވުރެ 2 ޕޮއިންޓް ފަހުން ދެވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ސިޓީ ޖާގަ ހޯދާފައިވާއިރު، ވޯލްޑް ކަޕަށް ސީޒަން މެދެކަނޑާލުމަށްފަހު ސިޓީގެ ފުރަތަމަ މެޗް އޮންނާނީ ޑިސެމްބަރ 29 ވަނަ ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.