އިރުގެ އަވިން ހަކަތަ އުފައްދައިގެން ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ ވާހަކައަކީ މިހާރު ޚަބަރެއް ނޫނެވެ. މިއީ ބައިނަލްއަގްވާމީ ވަނަތައް ހޯދާފައިވާ ފެހި ހަކަތަ ބޭނުން ކުރަން ފެށި ދުނިޔޭގެ ފުރަތަމަ އެއަރޕޯޓެވެ. އިންޑިއާގައި އެއަރޓްރެފިކްގައި އެންމެ ބިޒީ އެއަރޕޯޓަކީވެސް ކޮޗިން އެއަރޕޯޓެވެ.

އެއަރޕޯޓްތަކަކީ ކާބަން އުފެއްދުމުގެ ބޮޑެތި މަރުކަޒުތަކެވެ. ކޮޗިން އެއަރޕޯޓްގެ ފެހިހަކަތަ އިނިޝީއޭޓވްއަކީ ކާބަން ނިއުޓްރަލްވުމަށް 2018ގައި އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ. އެ އެއަރޕޯޓުގެ ސޯލާ ބޭނުން ކުރުމުގެ ނަތީޖާއަކީ 1،60،000 މެޓްރިކް ޓަނުގެ ކާބަން އެމިޝަން ފޫބައްދައިދިނުމެވެ.

އެއާޕޯޓެއްފަދަ ބޮޑު ތަނެއްގައި ވަރަށް ގިނަ ހަކަތައެއް ބޭނުންވެއެވެ. އަދި ފެހި ހަކަތަ ބޭނުންކޮށްގެން ކޮޗިން އެއަރޕޯޓުން ދަނީ ދުޅަހެޔޮ އަދި ފެހި ޕްލެނެޓަކަށް ޙިއްޞާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގައި ދަތުރުފަތުރާ ގުޅުން ހުރި ތިމާވެށްޓަށް ގެއްލުންދޭ ހުރިހައި ގޭސްތަކެއްގެ 11 ޕަސެންޓަކީ އޭވިއޭޝަން ސިނާއަތުން އުފައްދާ ގޭހެވެ.

އިންޑިއާގައި ނޭދެވޭ ގޭސްތައް އެއަރޕޯޓްތަކުން ބޭރުކުރާ ޕަސެންޓް ވަރަށް ދަށްވެދާނެ އެވެ. ނަމަވެސް އެއީ ފާހަގަކޮށްލެވޭ ވަރުގެ ޕަސެންޓެކެވެ. ކޮޗިން އެއަރޕޓްގެ މަގްސަދަކީ ހަމައެކަނި އެއާޕޯޓުން ބޭރުކުރާ ދުނިޔޭގެ ޖައްވަށް ނޭދެވޭ އަސަރުކުރާ ގޭސްތައް ފޫބައްދުން އެކަންޏެއް ނޫނެވެ. އެ އަރޕޯޓުން ދަނީ މުޅި އެއާޕޯޓާއި އެއާ ގުޅުން ހުރި ފެސިލިޓީތަކަށް ސޯލާ އެނާޖީ މެދުވެރިކޮށް ކަރަންޓް ދިނުމާއި މެދުފަންތީގެ އެއާޕޯޓަކަށް އަމިއްލައަށް ފެހި ހަކަތަ އުފައްދައި އުޅެވިދާނެ ކަމުގެ މެސެޖެއް ދެމުންނެވެ.

އެއާޕޯޓެއް ހިންގުމުގައި ބަދީލީ ހަކަތައަކަށް ބަރޯސާވުމަކީވެސް ހަގީގަތުގައި ނުރައްކާތެރި ޚިޔާލެކެވެ. ނަމަވެސް ކޮޗިން އެއަޕޯޓްގެ މަސްއޫލުވެރިން ވިދޅުވަނީ ކަރަންޓް ބިލް އަބަދުވެސް އޮންނަނީ އަތްފޯރާ ހިސާބެއްގައެއް ނޫން ކަމަށެވެ. އެހެންވެ، މެނޭޖްމަންޓުން ވިސްނީ އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދުގައެވެ. އަދި އެ މަޝްވަރާގެ ތެރޭން ފެހި ހަކަތަ އުފެއްދުމަށް އެއަރޕޯޓުން ވިސްނިއެވެ.

ކޮޗިން އެއަރޕޯޓަކީ އިންޑިއާގައި ސަރުކާރާއި އަމއިއްލަ މީހުން ގުޅިގެން ބިނާ ކުރި ފުރަތަމަ އެއަރޕޯޓެވެ.

2013 ވަނަ އަހަރު ފެށި ޕައިލެޓް ޕްރޮޖެކްޓަކުން 100 ކޭވީގެ ސޯލާ ޕަވަރ ޕްލާންޓެއް ކޮޗިން އެއަރޕޯޓްގައި ގާއިމް ކުރިއެވެ. އެއިރު ސޯލާ ޕެނަލްތައް ޖަހާފައި ހުރީ ޓާމިނަލްތަކުގެ ފުރާޅު މަތީގަ އެވެ. އަދި އެކަމަށް ޚާއްޞަ ކުންފުންޏެއް އެއަރޕޯޓުން އުފެއްދިއެވެ. އެހިސާބުން މުޅި އެއަރޕޯޓް ސޯލާއަށް ބަދަލު ކުރުމުގެ ރިސްކު އެކުންފުނިން ނެގިއެވެ.

އެކަން ކާމިޔާބު ވެގެން ދިޔައީ ބައިނަލްއަގްވާމީ ބާޒާރުގައި ސޯލާ ޕެނަލްގެ އަގުތައް ދަށްވުމުން ސޯލާ ޕްލާންޓެއް އިންސްޓޯލް ކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދިއުމުންނެވެ. އަދި އެއާއެކު ސަރުކާރުން ވަނީ އަމިއްލައަށް ކަރަންޓު އުފައްދާ މީހުންގެ އިތުރުވާ ޔުނިޓްތައް ސަރުކާރަށް ވިއްކުމަށް ސިޔާސަތަށް ބަދަލު ގެނަސްފައެވެ. އޭގެ ފަހުން ޕްރޮޖެކްޓް ކާމިޔާބު ވުމުން އެއަރޕޯޓް ކުންފުނިން ވަނީ އިތުރު އެހެން އިމާރާތްތަކުގެ ފުރާޅުތައްވެސް ސޯލާ ޕެނަލް ބހެއްޓުމަށް ބަދަލު ގެނަސްފައެވެ.

މި ޕްރޮޖެކްޓް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމުނު އިރު، މިއީ ކެރެލާ ސްޓޭޓްގައި އުފެއްދި ފުރަތަމަ މެގަވޮޓް ސްކޭލް ސޯލާ ޕްލާންޓެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އެއާޕޯޓަށް ދުވާލަކު ބޭނުންވާ މިންވަރަކީ ގާތްގަނޑަކަށް 48،000 ޔުނިޓެވެ. އަދި އެއާޕޯޓް މުޅިން ކާބަން ނިއުޓްރަލް ކުރުމަށްޓަކައި އެއިރު ހުރި 1.1 މެގަވޮޓަށް އިތުރު 12 މެގަވޮޓްގެ ކެޕޭސިޓީ އިތުރު ކުރަން ޖެހުނެވެ. 2015 ވަނަ އަހަރުގެ ނިޔަލަށް އިރުގެ ހަކަތައިން ފުރިހަމައަށް ކަރަންޓް ފޯރުކޮށްދޭ ދުނިޔޭގެ ފުރަތަމަ އެއާޕޯޓަކީ ކޮޗިން އެއާޕޯޓު ކަމުގައި ވެގެން ދިޔައެވެ.

2019 ވަނަ އަހަރު މި މަޝްރޫއު ބްރޭކް އިވެން ވެގެން ދިޔައިރު ދުވާލަކު 2 ލައްކަ ޔުނިޓް ކަރަންޓް އުފެއްދި އެވެ. އެއިރު އެއަރޕޯޓަށް ބޭނުންވީ 1.6 ލައްކަ ޔުނިޓެވެ.

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި 100 ކިލޯވޮޓްގެ މަޝްރޫއުން ދަތުރު ފެށި ކޮޗިން އެއަރޕޯޓް މިހާރު ވަނީ 50 މެގަވޮޓްގެ އިންސްޓޯލްޑް ކެޕޭސިޓީއަކަށް ވެފައެވެ.

މިހާރު ކޮޗިން އެއަރޕޯޓްގެ އެ ކުންފުނިން ވަނީ މިއަހަރުގެ ކުރީކޮޅު، ކަނޫރު ޑިސްޓްރިކްޓްގައި 12 މެގަވޮޓްގެ ސޯލާ އެނާޖީ ޕްލާންޓެއް އުފައްދައި ކެރެލާގެ އުތުރުގައި ގްރީން ފުޓްޕްރިންޓް ފުޅާކޮށްފަ އެވެ.

ސޯލާ ޕަވަރ ޖެނެރޭޝަންގެ އިތުރުން ކޮޗިން އެއަރޕޯޓުން އަންނަނީ ސޯލާ ޕެނަލްތަކުގެ މެދުގައި ހުރި ހުސް ޖާގަތަކުގައި ދަނޑުވެރިކަމަށްވެސް ކުރަމުންނެވެ.

މިހާތަނަށް އެއަރޕޯޓުން ވަނީ 90 މެޓްރިކް ޓަނަށް ވުރެ ގިނަ ޕެސްޓިސައިޑް ނުހިމެނޭ ތަރުކާރީ އުފައްދާފައެވެ.