ޖަރުމަންވިލާތުގެ ހެމްބާގް ބަނދަރުގެ ކޮންޓްރޯލިން ހިއްސާ ޗައިނާއިން ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދިނުމަށް އެމެރިކާއިން އެދެފިއެވެ.

ޗައިނާގެ ޝިޕިން ޖަޔަންޓް ކޮސްކޯއިން މިދިޔަ އަހަރު ޖަރުމަނުގެ އެންމެ ބޮޑު ބަނދަރުގައި ހުންނަ ލޮޖިސްޓިކްސް ކުންފުނި އެޗްއެޗްއެލްއޭ ގެ ތިން ޓާމިނަލްގެ ތެރެއިން އެއް ޓާމިނަލްގެ %35 ހިއްސާ ގަތުމަށް ބީލަމުގައި ބައިވެރިވިއެވެ. އެކަމާ ގުޅިގެން ޖަރުމަނުގެ ގުޅިފައިވާ ސަރުކާރުގައި ވަނީ ޗައިނާއަށް ހިއްސާ ދިނުމާ މެދު ދެބަސްވެފަ އެވެ.

އެކަމަކު ޖަރުމަނުން ވަނީ މިދިޔަ ހަފްތާގައި ކޮސްކޯއަށް ޓާމިނަލްގެ %24.9 ވިއްކުމަށް ފާސްކޮށްފައެވެ. ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒްގެ ތިން ޕާޓީގެ ކޯލިޝަންގެ ދެ ޖޫނިއާ ޕާޓްނަރުންވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

ޗައިނާ ކުންފުންޏަށް %25 އަށް ވުރެން ދަށް ކޮށް ހިއްސާ ވިއްކަނީ ނަމަ މި ޑީލަށް ރަސްމީކޮށް ކެބިނެޓްގެ ރުހުން ހޯދަން ނުޖެހޭނެއެވެ.

އެމެރިކާއިން ވަނީ ޗައިނާއަށް މި ޑީލް ކާމިޔާބު ވިޔަ ނުދިނުމަށް ބާރުއަޅާފައެވެ. މި އެއްބަސްވުމަށް އެމެރިކާއިން ތަދައްޚުލުވުމުގެ ޚަބަރު ހާމަ ކޮށްފައި ވަނީ ޝޮލްޒް ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުފުޅާ ގުޅިގެންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލް ވިދާޅުވީ ސަލާމަތީ ސުވާލުތައް އުފެދޭ ސްޓްރެޓެޖިކް ދާއިރާތަކަށް ޗައިނާއިން ކުރާ އެއްވެސް އިންވެސްޓްމަންޓެއް ރަނގަޅަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް އަޅަން ޔޫރަޕްގެ ބައިވެރިންނާ އެކު ވޮޝިންޓަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.