ލިއޮނަލް މެސީއާ އެއްޓީމަކަށް ކުޅެން ލިބުމަކީ ޝަރަފެއް ކަމަށާއި މެސީ އާއި އޭނާއާ ދެމެދު އޮތީ ވަަރަށް އެކުވެރި ގުޅުމެއް ކަމުގައި ޕީއެސްޖީއަށް ކުޅެމުން އަންނަ މަޝްހޫރު ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.
މީގެ ސީޒަނެއް ކުރިން ޕީއެސްޖީއަށް މެސީ އާއި ރާމޯސް ބަދަލު ވުމުގެ ކުރިން، މެސީއަކީ ބާސެލޯނާ ކެޕްޓަނެވެ. އަދި ރާމޯސްއަކީ ރެއާލް މެޑްރިޑުގެ ކެޕްޓަނެވެ. މެސީ ހުއްޓުވަން ޖަހަން ޖެހުނު ގިނަ ޓެކްލްތަކާއި ޑިފެންސިވް އުކުޅުތަކާއި މެސީ ހުއްޓުވުމުގައި ހުރި ގޮންޖެހުންތައް އެންމެ ރަނގަޅަށް އެނގޭނެ އެއްކުޅުންތެރިޔަކީ ރާމޯސްއެވެ. "މެސީއާ އެއްޓީމަކަށް ކުޅެން ފުރުސަތު ލިބުމަކީ ޝަރަފެއް. އޭނާއަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ތަރިއެއް. ކިތަންމެ ވަރުގަދަ ޑިފެންސްލައިނެއް ފޫއަޅުވާލަން މެސީއަށް ބޭނުންވަނީ މަދު ސިކުންތު ކޮޅެއް. އޭނާގެ ޕާސްތައްވެސް އެހާމެ މޮޅު" ރާމޯސް ބުންޏެވެ.
މެސީއާ އެކުގައި ކުޅެންތޯ ނުވަތަ މެސީއާ އިދިކޮޅަށް ކުޅެންތޯ ފަސޭހައީ ކުރެވުނު ސުވާލެއްގެ ޖަވާބުގައި ރާމޯސް ބުނީ ކޮންމެ ކުޅުންތެރިޔަކުވެސް އޭނާގެ ޓީމުގައި މެސީ ހުންނަން އެދޭނެ ކަމަށެވެ. "ވަރަށް ފަސޭހައިން ޖަވާބު ދެވޭނެ ސުވާލެއް ތިޔައީ. މެސީއާ އިދިކޮޅަށް ގިނައަހަރުތަކެއް އަހަރެން ކުޅުނިން. އަދި ވަރަށް ގިނަ މެޗުތަކުގައި އަހަރެމެންނަށް ވަރަށް ގިނަ އުނދަގޫތައް އޭނާ ޖެއްސި. ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންވާނީ މެސީއާ އެއްޓީމަކަށް ކުޅެން" ރާމޯސް ބުންޏެވެ. އޮލއޮރލ