ދުނިޔޭގައި އުފެދިފައިވާ ސިޔާސީ އަދި ހިޔާލީ ކޮންމެ މައްސަލައެއްގެ ތެރެއަށް ފުޓްބޯޅަ ނުލުމަށާއި ބަދަލުގައި ފުޓްބޯޅައަށް ސަމާލުކަން ދިނުމަށް މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ގައުމުތަކަށް ފީފާގެ ރައީސް ޖިއަންނީ އިންފަންޓީނޯ ގޮވާލައްވައިފިއެވެ.
އިންފަންޓީނޯ، ވޯލްޑް ކަޕުގައި ވާދަކުރާ ގައުމުތަކަށް ފުޓްބޯޅައަށް ސަމާލުކަން ދިނުމަށް ގޮވާލައްވާފައި މިވަނީ ދުނިޔޭގެ މަޝްރަހުގައި ނުފޫޒުގަދަ އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަނުފަދަ ޔޫރަޕުގެ ބޮޑެތި ގައުމުތަކުން ކެނޑިނޭޅި ގަތަރާއި ދެކޮޅަށް އެކިއެކި މައްސަލަތައް ފެންމަތިކޮށް މިމައްސަލަތައް ސިޔާސީ ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާތީއެވެ. މީގެ އިތުރުން ކެނަޑާއާ އޮސްޓްރޭލިޔާއިންވެސް ގެންދަނީ ވޯލްޑް ކަޕުގައި އެގައުމުތަކުން ބޭނުންކުރާ ޖާޒީގައިވެސް ގަތަރާއި ދެކޮޅަށް އެކިއެކި ޝިއާރުތައް ބޭނުން ކުރުމަށް ތައްޔާރު ވަމުންނެވެ.
ގަތަރާއި ދެކޮޅަށް ހުޅަނގުގެ ބޮޑެތި ބާރުތަކާއި އޮސްޓްރޭލިޔާއިން ދައްކަމުން ގެންދާ މައިގަނޑު އޮތީ ދެވާހަކައެކެވެ. ފުރަތަމަ ވާހަކައަކީ ވޯލްޑް ކަޕަށް ގަތަރު ތައްޔާރު ކޮށްދިނުމަށް މަަސައްކަތްކުރާ މަސައްކަތްތެރިންނާ މެދު ގަތަރުން އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ވާހަކަ އާއި އެލްޖީބީޓީއަށް ގަތަރުން އެއްވެސް ހާލެއްގައި ފުރުސަތު ނުދޭނެކަމަށް ބުނެފައިވާތީ އެކަމާ ދެކޮޅަށް ދައްކާ ވާހަކަތަކެވެ. އެކަމަކު ހުޅަނގުގެ ނަޖިސް ވިސްނުމާއި އެއްގޮތަށް ގަތަރުން ދީލާއިނުލާނެކަން މިހާރު އެގައުމުތަކަށް ވަނީ ޔަގީން ކުރެވިފައެވެ.
މީގެ އިތުރުން ހުޅަނގުން މިހާރު ތީރު އަމާޒުކޮށްފައި ވަނީ އިރާނަށެވެ. އިރާނުގެ ޑްރޯންތައް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރައިނަށް ހަމަލާދޭ ކަމަށް ހުޅަނގުން ތަހުމަތުކޮށް އިރާން ވޯލްޑް ކަޕުން ބޭރު ކުރުމަށް ގޮވާލާ ކެމްޕެއިނެއްވެސް ވަނީ ހިންގާފައެވެ. އަދި މިހާރު އިރާނުގައި އުފެދިފައިވާ ދީނީ މައްސަލަގަނޑުގެ ތެރެއަށްވެސް ހުޅަނގުން ވަދެ އެމައްސަލައަށްވެސް ދަނީ ދަރުއަޅަމުންނެވެ.
އިންފަންޓީނޯ ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ދުނިޔޭގައި އުފެދިފައިވާ ހިޔާލީ، ސަގާފީ އަދި ސިޔާސީ ކޮންމެ މައްސަލައެއްގެ ތެރެއަށް ފުޓްބޯޅަ ވައްޓާނުލުމަށާއި އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކޮށްގެން ކުރިއަށް ދިޔުމަށެވެ. "ފީފާގައި، އަހަރެމެން މަސައްކަތް ކުރަމުން ދަނީ ހުރިހާ ފަރާތްތަކެއްގެ ހިޔާލަށް އިހްތިރާމް ކުރުމަށް. އެއްވެސް މީހަކީ އަދި އެއްވެސް ސަގާފަތަކީ އަދި އެއްވެސް ގައުމަކީ އަނެއް ގައުމަށްވުރެ މޮޅު އެއްޗެއްގެ ގޮތުގައި ނުދެކެން" ފީފާގެ ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.