އިސްލާމިކް ރިޕަބްލިކް އޮފް އިރާން އާންމުކޮށް ކިޔާނަމުންނަމަ އިރާނަކީ އޭޝިޔާގެ ހުޅަނގު ބިތަށް ނިސްބަވްތާ، އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އަދި އޭޝިޔާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން މިވަގުތު ފީފާ ރޭންކިންގެ އެންމެ މަތީ ( 20 ވަނައިގައި) އޮތް ގައުމެވެ.
އާބާދީގައި 86 މިލިޔަން މީހުން ދިރިއުޅޭ އިރާން، މިފަަހަރުގެ ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖް ވާދަ ކުރަންޖެހެނީ ގްރޫޕް "ބީ" ގައި އިނގިރޭސިވިލާތާއި އެމެރިކާ އަދި ވޭލްސްއާއެވެ.
ސިޔާސީ ގޮތުންނާ އިރާނާ ހަތުރުންގެ ގޮތުގައި ތިބި އެމެރިކާ އާއި އިނގިރޭސިވިލާތާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ވާދަ ކުރަންޖެހޭ ދެމެޗް ވެގެންދާނީ ދުނިޔޭގެ ނަޒަރު އެދެމެޗަކަށް ހުއްޓޭނެ ދެމެޗަށެވެ.
ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި އިރާނާ އެމެރިކާ ބައްދަލު ކުރަން ޖެހުނު މެޗަކީ އެމެބާރާތުގައި ކުޅުނު އެންމެ ފޯރިގަދަ އެއްމެޗެވެ. ސިޔާސީ ކުރިމަތިލުމެއްގެ ހުރިހާ ސިފައެއް ޖެހިފައި އޮތް އެކުރިމަތިލުން އިރާނުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެފަހަރު ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް، އެމެރިކާ ބަލި ކުރުމުން އިރާން ކުޅުންތެރިންނަށް ބަތަލުންގެ ދަރަޖަ ލިބުނެވެ.
ކޮލިފައިވީ ގޮތް:
އިރާނަކީ އޭޝިޔާ ބައްރުން މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމެވެ. ކޮލިފައިންގެ ފައިނަލް ބުރުގައި އިރާން ހިމެނުނީ ވަރުގަދަ ދެކުނު ކޮރެއާ އާއި ޔޫއޭއީ އިރާގާއި ސީރިޔާ އަދި ލުބުނާނާއެކު ގްރޫޕް "އޭ" ގައެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު ލީގް ބުރުނިމުނުއިރު އިރާން ބަލިވީ ރަށުން ބޭރުގައި ދެކުނު ކޮރެއާ އަތުން އެކަންޏެވެ. އެއްމެޗް އެއްވަރުވިއިރު 8 މެޗް ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ 25 ޕޮއިންޓާއެކު ހޯދިއެވެ.
ކޯޗް: އިރާން ގައުމީ ޓީމުގެ ކޯޗަކީ ޕޯޗުގަލްގެ ކާލޯޒް ކުއިރޯޒްއެވެ. މިއީ އިރާން ގައުމީ ޓީމާ ކުއިރޯޒް ހަވާލުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިރާން ކޮލިފައިކޮށްދީ، ވޯލްޑް ކަޕުގައި އިރާނަށް އިރުޝާދު ދިނީވެސް ކުއިރޯޒްއެވެ.
މިފަހަރު އިރާން ގައުމީ ޓީމާއި ކުއިރޯޒް ހަވާލުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ކުއިރޯޒް އިރުޝާދު ދިނީ މިސްރަށެވެ. އެކަމަކު ޕްލޭއޯފްގައި ޕެނަލްޓީ ޖަހައިގެން ސެނަގާލް އަތުން ބަލިވެ މިސްރު ވޯލްޑް ކަޕަށް ކޮލިފައި ނުވެ ކެޓީއެވެ.
ކުއިރޯޒަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެކެވެ. އޭނާ ވަނީ 04/2003 ސީޒަނުގައި ރެއާލް މެޑްރިޑަށް އިރުޝާދު ދީފައެވެ. އަދި 2004 އިން 2008 އަށް މެންޗެސްޓަރ ޔުނައިޓެޑުގައި މަޝްހޫރު ކޯޗް ސަރ އެލެކްސް ފާގަސަންގެ އެހީތެރިޔަކަށް ހުރީ ކުއިރޯޒެވެ.
އޭގެ ކުރިއަށް ޖެހިލާއިރު 1991 އިން 1993 އަށް ޕޯޗުގަލް ގައުމީ ޓީމުގެ ހެޑްކޯޗަކަށްވެސް ހުރީ އޭނާއެވެ. ދެވަނަ ފަހަރަށް 2008 ވަނަ އަހަރު ޕޯޗުގަލް ގައުމީ ޓީމާއި ހަވާލުވެ 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހާ ހަމައަށް ކުއިރޯޒް، ޕޯޗުގަލް ގައުމީ ޓީމަށް އިރުޝާދު ދިނެވެ. ޕޯޗުގަލް ގައުމީ ޓީމުން އޭނާ ކޯޗްކަމުން ވަކިކުރީ ޑޯޕިން ޓެސްޓް ހަދަން ހުރި އޮފިޝަލަކާ ހުތުރު ބަހުން މުހާތަބު ކުރުމުންނެވެ.
މުބާރާތާމެދު ކުރެވޭ އުއްމީދު:
އިރާނުން މިހާތަނަށް 5 ވޯލްޑް ކަޕުގައި ވާދަކޮށްފައިވާއިރު، އެންމެ ވޯލްޑް ކަޕެއްގައިވެސް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ. އިރާނުގެ އަމާޒަކީ މިފަހަރު މިކަން ނިމުމަކަށް ގެނައުމެވެ. ދާދިފަހުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އުރުގުއޭ އަތުން 1-0 އިން މޮޅުވެފައި އޮތުމުން ވޯލްޑް ކަޕާއި ކުރިމަތިލާއިރު، ދެވަނަ ބުރަށް ދެވިދާނެކަމާމެދު އިރާން ކުޅުންތެރިންނަށް ލިބިފައިވާ އިތުބާރު ވަނީ ބޮޑުވެފައެވެ.
ކޯޗް ކުއިރޯޒް ބުނެފައި ވަނީ ދެވަނަ ބުރަށް ނުދެވިއްޖެނަމަ އެއީ ނާކާމިޔާބީއެއް ކަމަށާއި މިގްރޫޕުން ދެވަނަ ބުރަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ އާއި ހަކަތަ އިރާން ޓީމުގައި އެބަހުރި ކަމަށެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކުއިރޯޒްގެ އިރުޝާދުގެ ދަށުން އިރާނުން ދެވަނަ ބުރާ ފިޔަވަޅެއް ކައިރިއަށް ޖެހިލިއެވެ. މަޝްހޫރޫ ސްޕެއިނާއި ޕޯޗުގަލް ހިމެނުނު މިގްރޫޕުގައި 3 ވަނައިގައި އިރާން ނިންމާލަން ޖެހުނީ ސްޕެއިނާއި ޕޯޗުގަލްއަށް ވުރެ މަދުން އެންމެ ޕޮއިންޓެއް ލިބިގެންނެވެ. ސްޕެއިނާއި ޕޯޗުގަލް ދެވަނަ ބުރަށް ދިޔައީ 5 ޕޮއިންޓާއެކުއެވެ. ޕޯޗުގަލް އަތުން އިރާނުން ޕޮއިންޓެއް ހޯދިއިރު ސްޕެއިން އަތުން ބަލިވީ ހަނިގޮތަކަށް 1-0 އިންނެވެ.
މުހިއްމު ކުޅުންތެރިން:
އިރާނު ޓީމުގައި ނަގާ ކިޔަން ތިބީ ޔޫރަޕް ލީގުގައި ތަކުގައި ކުޅޭ ކުޅުންތެރިންނެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ކެޕްޓަން އެހްސަން ހެޖްސާފީއެވެ. އެޓޭކިންގ މިޑްފީލްޑަރެއްގެ ރޯލު އަދާކުރާ އެހްސަން ކުޅެމުން ދަނީ ގްރީސްގެ އޭއީކޭ އެތެންސަށެވެ. އެހްސަންއަކީ ވިންގަށާއި ކަނާތު ބެކަށާއި ޑިފެންސިވް މިޑްފީލްޑަރަކަށްވެސް މޮޅަށް ކުޅެވޭ ކުޅުންތެރިއެކެވެ. މިއީ އިރާން ގައުމީ ޓީމަށް އޭނާ ހާއްސަވާ ސަބަބުތަކެވެ.
މީގެ އިތުރުން ނެދަލޭންޑްސްގެ ފެޔަނޫޑަށް ކުޅޭ ވިންގަރ އަލި ރެޒާ އާއި ޖަރުމަނުގެ ބަޔާލެވަކޫސަން ކުޅޭ ފޯވާޑް ސަދަރް އަޒްމޫން އާއި ގަތަރުގެ އަލް އަހްލީގެ ޑިފެންޑަރު ޝޮޖާއީ ޚާލިލްޒާދް ފާހަގަ ކޮށްލެވެއެވެ.