ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް،

ރާއްޖޭގެ އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ނާއިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އެއަރޕޯޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަވާފައި ވަނީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގައި، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް އެއަރޕޯޓުތަކުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކަމާއި، ލުއިފަސޭހަކަމާއި، ރައްކާތެރިކަމާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ޚާއްޞަ ހާލަތެއް ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ، މި ކަމުގައި ޝާމިލުވާ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއް ކަމުގައެވެ.

އެއަރޕޯޓުތަކަކީ މިހާރު ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާ ޞިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް، ފަތުރުވެރިންނާއި އެހެނިހެން ދަތުރުވެރިންނަށް ރައްކާތެރި ގޮތެއްގެ މަތިން ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް ނާއިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، ދަތުރުވެރިންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާ ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެއަރޕޯޓުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ކަންކަން ބެލެހެއްޓުމަށް އެކަށައަޅާފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެދިވަޑައިގަންނަވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދަތުރުވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ވެސް ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނައިބު ވަނީ، އެ ކަންކަން ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާ ކުރައްވާ، އިރުޝާދު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.