ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއް މާދަމާ ފަށްޓަވާނެއެވެ.
ޕީޕީއެމުން ބުނީ މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނޭ ކަމަށެވެ. މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ނޮވެމްބަރ 9 ވަނަ ދުވަހު އެވެ.
މި ދަތުރުފުޅުގައި އައްޑޫގައި ތިބި ޕީޕީއެމްގެ މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވާނެއެވެ. އެގޮތުން ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްވުގެ އިތުރުން އެމަނިކުފާނާ ބައްދަލު ކުރަން ބޭނުންވާ އެހެން ޕާޓީތަކުގެ މީހުންނާ ވެސް ބައްދަލު ކުރުމުގެ ފުރުސަތު އޮންނާނޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެފުރުސަތު ބޭނުންވާ މީހުން ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކާ ބައްދަލުކުރުމަށް އެޕާޓީން ވަނީ އެދިފައެވެ.
މިދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ތަސައްވުރު ހާމާ ކުރައްވާނެއެވެ. އޭގެ އިތުރުން އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫސިޓީއަށް ބޭނުންވާ ކަންކަންކަން ރައްޔިތުން ގާތުން އައްސަވައި އޮޅުން ފިލުއްވުމަކީ ރައީސް ޔާމީން ބޭނުންފުޅުވާ ކަމެއް ކަމަށް އެޕާޓީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.
ރައީސް މާދަމާ އައްޑުއަށް ވަޑައިގަންނަވާ ވަގުތު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވީހާވެސް ގިނަ މީހުންނަށް ގަމަށް އައުމަން ޕީޕީއެމުން ވަނީ އެދިފައެވެ.
ރައީސް ޔާމީން އައްޑޫ ދަތުރުފުޅަށްފަހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށާއި ހުވަދުއަތޮޅަށެވެ. އެހެންނަމަވެސް ދަތުރުފުޅުތަކާ ބެހޭ މައުލޫމާތު ފަހުން ހާމަކުރައްވާނޭ ކަމަށް ހީނާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދަތުރުފުޅުތައް ކުރައްވާނީ ނޮވެމްބަރ 17 ގެ ފަހުންނެވެ.