މެޗް ނިމެން 33 ސިކުންތަށް ވެފައި ވަނިކޮށް ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ކާމިޔާބު ކުރި ލަނޑުން 2-1 އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށް، ކްލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ފެނަކައިން މިރޭ ޗެމްޕިއަންކަން ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އެމްޕީއެލްއިންނެވެ. މިލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ލީޑް ލިބުމާއެކު އެމްޕީއެލްއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސް ކުރަން ފެށިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފެނަކައިން މެޗް ކޮންޓްރޯލް އަތުލައި އެމްޕީއެލްގެ ގޯލަށް ނުރައްކާ ކުރަން ފެށުމެވެ. ފެނަކައިން އުފެއްދި ބައެއް ހަމަލާތައް ވަރަށް ހުށިޔާރު ކަމާއެކު އެމްޕީއެލްގެ ތަޖުރިބާކާރު ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ވަނީ ދިފާއު ކޮށްފައެވެ.
ދެވަނަ ހާފް ފަށައިގެން ނަތީޖާ އެއްވަރު ކުރުމަށް ވަރަަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަ ފެނަކައަށް ނަސީބު އެހީވީ 13 ވަނަ މިނެޓުގައި އަޔާ ފޮނުވާލި ހަމަލާއެއް ގޯލު އަރިމަތީގައި ހުރެ މުހައްމަދު އައްޒާމް ފައިން ޖައްސާ ގޯލަށް ވައްދާލުމުންނެވެ. ފެނަކައިން ނަތީޖާ ހަމަހަމަ ކުރުމުންވެސް އެމްޕީއެލްގެ ފަރާތުން ފެނުނީ މެޗް އެއްވަރު ކޮށްލައިގެން ޕެނަލްޓީއެއް ދިޔުމަށް ބޭނުންވެފައި އޮތް މަންޒަރެވެ. ފެނަކައިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗް ނިމެން އެންމެ 33 ސިކުންތަށް ވެފައި ވަނިކޮށް އަޔާޒް އަހްމަދު (އަޔާ) ޑިއޭރިޔާގެ ބޭރުން ޖެހި ޝޮޓެއް އެމްޕީއެލް ކުޅުންތެރިން ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޮންލީއަށް ގޯލު ލައިން ކުރިމަތިން ކަހަލަ ގޮތަކަށް ލިބި، އެއްފަހަރުން އޮންލީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
މެޗަށްފަހު ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތައް ފެނިގެންދިޔައިރު ފެނަކައިގެ އަހްމަދު މުބީން (މުއްކި) އާއި ކީޕަރު ޒައިދާން އަދި އެމްޕީއެލްގެ އަލީ ހައިޝަމް (ޗުމްޕް) އަށް ރެފްރީ ރަތްކާޑް ދެއްކިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަޔާއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ފެނަކައިގެ ކޯޗް އަބްދުﷲ ނަސީރު (އަބޯ) އެވެ. މިދިޔަ އަހަރު އާރުޑީސީއަށްވެސް ޗެމްޕިއަންކަން ހޯދައިދިނީ އަބޯއެވެ.