މިއަދުވެސް އުދަ އަރާފާނޭ ކަމަށް ލަފާކޮށް ހުދު މޫސުމާ ބެހޭ އޮފީސް (މެޓް) ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އޮޮފީހުން މިއަދު ނެރެފައިވާ ހުދުސަމާލުގައި ބުނެފައިވަނީ މިއަދު ހެނދުނު 10:15 އާއި 2:00 އާ ދެމެދު މާލޭ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށަށް އުދަ އަރާފާނޭ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިއްޔެ ވެސް މާލެއަތޮޅުގެ ބައެއް ރަށްރަށާއި އެހެނޮހެން ބައެއް ރަށްރަށަށް ވަނީ އުދަ އަރައިފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އުދަ އެރުމަކީ ދިޔަވަރުބޮޑުވާ ދުވަސްވަރުގައި ރާއްޖޭޭގެ ރަށްރަށަށް ދޭތެރެދޭތެރެއިން ދިމާވާ މައްސަލައެކެވެ.

މެޓުން މިއަދު ބުނެފައިވަނީ މިއަދު ހަވީރު 18:00އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނޭ ކަމަށެވެ. ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ.

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.