ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ފެށިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ކުންފުނީން ބުނީ މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުން
  • ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • ރަންވޭއެއް އެޅުން
  • ޓެކްސީވޭއެއް އެޅުން
  • އޭޕްރަން އަދި ސަރވިސް ރޯޑް ހެދުން
  • ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެޅުން
  • އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުން
  • 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުން ހިމެނޭ؛

މިއީ ސަރުކާރުން 451.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މި ދެ މަޝްރޫޢު ޑިޒައިން އެންޑް ބިލްޑު އުސޫލުން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރު ސެޕްޓެމްބަރު އެކެއްގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.